ބޮލީވުޑްގެ ފިލްމީ ފަންނާނެއް ކަމަށްވާ އާލިއާ ބާޓް ވެސް ތަމިލް އެކްޓަރު އައްލޫ އާއެކު ފިލްމު ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން އޭނާ ބުނީ، އޭނާގެ އާއިލާ ހުރިހާ އެންމެން ވެސް މިހާރު އައްލޫގެ އެންމެ ފަހުގެ ފިލްމު "ޕުޝްޕާ" ބަލައިފި ކަމަށެވެ.

ހަމައެހެންމެ އާއިލާ އެންމެންނަށް ވެސް އެ ފިލްމު ކަމުގޮސްފައިވާ ކަމަށާއި، ފިލްމު ބެލުމަށްފަހު އާއިލާ އެންމެން ވެސް އާލިޔާ ކައިރި އައްލޫއާއެކު ފިލްމު ކުޅޭނީ ކޮން އިރަކުން ސުވާލުކޮށް އެހި ކަމަށް އާލިޔާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އާލިއާ އާއި އައްލޫ އާއި ދެމީހުންގެ ނަން މާބޮޑަށް ގުޅޭތީ، އާއިލާ މީހުން އެކަމާއި ދިމާކޮށްފައިވާ ކަމަށް ވެސް އާލިޔާ ބުންޏެވެ.

އިންޑިޔާ ނޫސްތަކަށް މައުލޫމާތު ދެމުން އުމުރުން 39 އަހަރުގެ އަރްޖުން ވެސް ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށާއި، އެހެން ނަމަވެސް އޭނާ ހިތްހަމަ ޖެހޭފަދަ ރޯލެއް ނުލިބުމުގެ ސަބަބުން ބޮލީވުޑް ފިލްމެއްގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ތެލަގޫ ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އަރްޖުން ވަނީ އެ އިންޑަސްޓްރީގެ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އެހެންނަމަވެސް އޭނާ އެންމެ ފަހުން ކުޅުނު ޕުޝްޕާ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އަރްޖުން ވަނީ ބޮލީވުޑްގެ ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯދާފަ އެވެ.