ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ޝަރީއަތް މާދަމާ ބާއްވާ ގޮތަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ކުރާ ދައުވާ މި އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 13:30 އަށެވެ.

ދައުލަތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް އިދާރީ މައްސަލައެއް ޖެހުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުޤާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފައިފައިވާ ކަމަށެވެ.