ލަކްނައު (15 ފެބްރުއަރީ) - އިންޑިއާގެ ކަރްނާޓަކާގައި ހުންނަ ޔުނިވާސިޓީއެއްގައި މުސްލިމް އަންހެން ދަރިވަރަކު ބުރުގާ އަޅައިގެން ކޮލެޖަށް ދިއުން މައްސަލައަަކަށްވެ އެ މައްސަލަ ހޫނުވެފައި ވަނިކޮށް އެގައުމުގެ އެހެން ހިސާބުތަކުގެ ޔުނިވާސިޓީތަކުގައި ވެސް ބުރުގާ އެޅުން މަނާ ކުރަން އެދިއްޖެ އެވެ.

މުސްކާން ޚާން ނަމަކަށް ކިޔާ ދަރިވަރަކު ބުރުގާ އަޅައިގެން ކަރްނާޓަކާގެ ކޮލެޖަކަށް ދިއުމުން އެ ކޮލެޖުގައި ކިޔަވާ ހިންދޫ ދީނުގެ ފިރިހެން ދަރިވަރުންތަކެއް ވަނީ މުސްކާންއާ ކުރިމަތިލައި، ފޮށި ހަދައިފަ އެވެ. ނަމަވެސް މުސްކާން ވަނީ ބުރުގާ އެޅުމަކީ އިންޑިއާގެ ގާނޫނު އަސާސީއިން އޭނާއަށް ލިބިދީފައިވާ ހައްގެއް ކަމަށް ބުނެ ރައްދު ދީފަ އެވެ.

ބުރުގާ އެޅުން މަނާކޮށް އާ ޔުނީފޯމް ގަވާއިދެއް ނެރުމާއެކު މުސްލިމް ދަރިވަރުންނާއި ހިންދޫންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން ކަރްނާޓަކާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާ ތެރޭގައި އެ ސަރަހައްދުގެ ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ.

މި ނިންމުމާ ހިތްހަމަ ނުޖެހި އަޑު އުފުލި މުސްލިމް ދަރިވަރުން ބުނެފައިވަނީ މިއީ އިންޑިއާގެ މުޅި އާބާދީގެ 13 ޕަސެންޓް ހިއްސާކުރާ މުސްލިމް މުޖްތަމައުގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގަވާއިދެއް ކަމަށެވެ.

ބުރުގާ އެޅުމާ ދެކޮޅަށް ހިންގާ ކެމްޕެއިން މުޅި އިންޑިއާއަށް ފެތުރި މިދިޔަ ހޯމަ ދުވަހު އުއްތަަރަ ޕްރަދޭޝްގެ ދަރްމާ ސަމާޖް ކޮލެޖުގައި ކިޔަވާ ދަރިވަރުންތަކެއް ވަނީ އެ ކޮލެޖުގެ ގޯތި ތެރޭގައި ބުރުގާ އެޅުން މަނާ ކުރުމަށް އެދި ޕެޓިޝަނެއް ހުށައަޅާފަ އެވެ.

މިކަމާ ގުޅޭގޮތުން އެ ކޮލެޖްގެ މެނޭޖްމަންޓުން ބުނީ އެކޮލެޖްގައި ވަކި ދީނަކަށް ހާއްސަކޮށް ޔުނީފޯމެއް ހެދިފައި ނުވާނެ ކަމަށާއި މޫނު ނިވާކޮށްގެން ވަނުން މަނާ ވާނީ ހަމައެކަނި ކުލާސްތަކަށް ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ސަރުކާރަކީ މުސްލިމުންނާ ދެކޮޅު ބީޖޭޕީއިން ހިންގަމުން އަންނަ ސަރުކާރަކަށް ވީއިރު ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުންތަކަކީ އެ ސަރަހައްދުގައި ވަރަށް އާއްމު ކަމެކެވެ.

ކޮލެޖުތަކުގައި ބުރުގާ އެޅުމުގެ މައްސަލަ ކަރްނާޓަކާގެ ކޯޓަށް ހުށައަޅާފައި ވާއިރު މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. - އަލް އަރަބިއްޔާ