ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އދ. ކުނބުރުދޫ ރަށު ކައުންސިލާއި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކުނބުރުދޫގެ ބިން ފުރުމުގެ ސަބަބުން އެރަށުގެ ކުރިމަގަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވައިފަ އެވެ.
ކުނބުރުދޫ ކައުންސިލަރުން ވަނީ ރަށުގެ ހާލަތުގެ މައްޗަށް އެ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރައީސަށް އަރުވާފަ އެވެ.
ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި ގުޅިފައިވާ ކަންކަން ކަމުގައި ވިދާޅުވި އެވެ. މިގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި ބިން ފުރުމުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތަކާއި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ. މީގެއިތުރުން ރަށު ބަނދަރު ބޮޑުކުރުމާއި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމާއި ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. އަދި ކުނބުރުދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން އެކަންކަމަށް ހޯދައިދެވެން ހުރި ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެރުވި އެވެ.
ސާބަހޭރައީސާލިހު