ދުނިޔޭގެ މަޝްހޫރު ބާސްކެޓްބޯޅަ ތަރިއެއް ކަމުގައިވާ މައިކަލް ޖޯޑަން ދުން ބޯން ގެންގުޅުނު ބިޑިއެއް ނިއުޔޯކުގެ ނީލަންގެއަކުން ނީލަމުގެ ވިއްކާލަން ހުޅުވާލައިފި އެވެ.

ކުޅިވަރުގެ ސާމާނު ނީލަންކިޔާ ގެއެއް ކަމަށްވާ ލެލެންޑްސްއިން ބުނީ އެތަނަށް އެ ބިޑި ލިބިފައިވަނީ އެމީހުންގެ އެޖެންޓެއް 2021 ވަނަ އަހަރު ޖޯޑަންއާ ބައްދަލުވި ބައްދަލުވުމެއްގެ ތެރޭގައި ކަމަށެވެ.

އެ ބައްދަލުވުމުގައި އެޖެންޓާއެކު ފޮޓޯއެއް ނެގުމަށްފަހު ޖޯޑަން ވަނީ އޭނާ ދުން ބޯން ގެންގުޅުނު ބިޑި ހަނދާން ނެތި އޭޝް ޓްރޭގައި ބާއްވާފަ އެވެ. ބިޑި ބާއްވާފައި ޖޯޑަން އެތަން ދޫކޮށް ދިއުމުން އެޖެންޓް އެ ހިފައިގެން އައީ ކަމަށް ލެލެންޑްސްއިން ބުންޏެވެ.

އެއްބައި ބޮއިފައިވާ އެ ބިޑިއަކީ ކިއުބަން ސީޑްސް ބޭނުން ކޮށްގެން ނިކަރަގުއާގައި ހަދާފައިވާ އޮލިވް ވީ މެލާނިއޯ ބްރޭންޑްގެ ބިޑި އެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނީލަން ހުޅުވާލައިފައިވާއިރު ނީލަމުގެ ފެށޭ އަަގަކީ 500 އެމެރިކާ ޑޮލަރެވެ.