މޫނުގެ ތުންފަތާ ދިމާލުން މަތީގައި ހުރި ލަފަކީ އާދައގެ އުފަން ލަފެއް ކަމަށް އޭނާ އަބަދުވެސް ހީކުރި އެވެ. އެއަށް އަންނަ ބަދަލުތައް ފާހަގަ ނުވެ ގިނަ ދުވަސްވީ ވެސް އެހެންވެ އެވެ.

އެމެރިކާއަށް ނިސްބަތްވާ 49 އަހަރުގެ އެންޑްރިއާ މޯސްއަކީ ހަމުގެ ކުލަ އަލި މީހަކަށް ވެފައި ލަަފަށް އަންނަ ބަދަލުތައް ފާހަގަ ވުމުން އޭނާ ޑޮކްޓަރަށް ދެއްކި އެވެ.

ނަމަވެސް ޑޮކްޓަރު ވެސް ލަފާ ދިނީ އެއީ އާދައިގެ ލަފެއް ކަމަށާއި އެކަމާ އެހާ ހާސް ނުވުމަށެވެ. އެހެން ކަމުން އެންޑްރިއާ ވެސް އެ ޚިޔާލާ ދުރުވި އެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު ހަމުގެ ޑޮކްޓަރަކަށް ދައްކަން އެންޑްރިއާ ނިންމީ ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓަކަށް ފަހުގަ އެވެ.

ހަންގަނޑުގެ ފުރިހަމަ ޗެކްއަޕްއެއް ހެދި ހެދުމުން ޑޮކްޓަރުންނަށް ގިނަ ކަންކަން ފާހަގަ ކުރެވުނެވެ. ހާއްސަކޮށް އޭނާގެ މޫނުގައި ހުރި "ލަފެވެ."

އެހެންކަމުން އިތުރަށް ހެދި ބައޮޕްސީ ޓެސްޓުތަކުން ޑޮކްޓަރުންނަށް ދެނެގަނެވުނީ އެ ލަފާއި އެންޑްރިއާގެ ބުރަކަށިން ފެނުނު ލަފުތަކަކީ ހަމުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މެލަނޮމާގެ ސެލްތަކެއް ކަމެވެ.

ނަސީބު ރަނގަޅު ކަމުން ޑޮކްޓަރަށް ދެއްކުނުއިރު އެލަފުތައް ހުރީ ޕްރީ ކެންސަރަސް ސްޓޭޖުގަ އެވެ. އެހެން ކަމުން 2020 ވަނަ އަހަރުގެ މާޗްމަހު އޭނާ ވަނީ ސާޖަރީއެއް ހަދައި މޫނާއި ބުރަކަށިން ލަފުތައް ނަގާފަ އެވެ.

އެންޑްރިއާ މޮސާ: ސާޖަރީގެ ކުރިންނާއި ފަހުންސާޖަރީއަށްފަހު އޭނާގެ މޫނުގައި ވާ ލަކުނަށް ހޭނެން ވަރަށް ގިނަ ދުވަސްވި ކަމަށް އެންޑްރިއާ ބުންޏެވެ. މިހާރު އޭނާއަކީ ހަމުގެ ފަރުވާއަށް ސަމާލުކަންދޭ ގަވާއިދުން ޓްރީޓްމަންޓް ނަގާ މީހެކެވެ.

އެންޑްރިއާ މޮސާ: ސާޖަރީގެ ކުރިންނާއި ފަހުން

އެންޑްރިއާ ބުނި ގޮތުގައި އެއީ ކެންސަރުކަން އެނގުމުން ބިރުގަތް ނަމަވެސް ހަމަޖެހުމެއް ލިބުނީ އެއީ ކެންސަރުގެ އާއްމު ވައްތަރެއް ކަމާއި ބަލީގެ ކުރީކޮޅުގައި ދެނެގަނެވުމުން ފަރުވާގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ބުނުމުންނެވެ.

"މިކަން ކުރިއަށްދާނެ ގޮތެއް ނޭނގިފަ ހުރީ. އެކަމަކު އަހަރެންގެ ޑޮކްޓަރުން ވަރަށް ރަނގަޅު" އެންޑްރިއާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކުރީގެ ފޮޓޯތަކަށް ބެލުމުން މޫނުގައި ހުރި ލަފަށް 2009 ވަނަ އަހަރުން ފެށިގެން ބަދަލު އަންނަން ފަށާފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެންޑްރިއާ ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ހަމުގެ ފަރުވާއަށް ސަމާލުވުމަށް ބުނެފަ އެވެ. އަދި އާއްމުންގެ މެދުގައި ކެންސަރުގެ ހޭލުންތަރިކަން އިތުރު ކުރަން ވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅާނުލާ ވަރަށް ގިނަ ދުވަސް ވަންދެން ހުރިން. މި ވާހަކަ މި ހިއްސާ ކުރަނީ މާ ލަސް ނުވަނީސް ޑޮކްޓަރަށް ދައްކަން ބާރުއަޅަން،" އެންޑްރިއާ ބުނެފައިވެ އެވެ.

މެލަނޮމާއަކީ ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މި ބަލީގެ އެންމެ ފުރަތަމަ އަލާމާތަކަށް ވާނީ ހަށިގަނޑުގައި ހުންނަ ލަފުތަކުގެ ކުލައާއި ސައިޒަށް ބަދަލު އައުމެވެ.

ލަފުތަކަކީ އާއްމު ގޮތެއްގައި ސައިޒާއި ކުލައަށް ބަދަލު އަންނަ އެއްޗެއް ނޫނެވެ. ބައެއް ލަފުތައް އުފަން ވާއިރުވެސް ހުންނައިރު ގިނަ ލަފުތަކަކީ ޅަފަތުގައި އުފެދޭ ލަފުތަކެވެ.

އެހެން ކަމުން ހަށިގަނޑުގައި ހުރި ލަފެއްގެ ކުލައާއި ސައިޒަށް ބަދަލު އަންނަ ނަމަ އެކަމަށް ފަރުވާ ކުޑަ ނުކުރުމަށް އެންޑްރިއާ ނަސޭހަތްތެރިވެ އެވެ.