މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ޞަބްރީ ޔައުގޫބުގެ މިލްކިއްޔާތުގައި ހުރި ގިނަ އަދަދެއްގެ ނަގުދު ފައިސާއާއި ރަން، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް ފުރިހަމައަށް ހާމަކޮށްފައި ނުވާތީ، ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައިފި އެވެ.
ކުއާލަލަމްޕޫރު ސެޝަންސް ކޯޓުގައި ދައުވާ އިއްވުމުން، ބޭރާ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާ އިސްމާއީލް ޞަބްރީ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
އޯގަސްޓް 2021 އިން ނޮވެމްބަރު 2022 އަށް ބޮޑުވަޒީރުކަމުގެ ކުރު ދައުރެއް ފުރިހަމަކުރެއްވުމަށްފަހު، ޞަބްރީގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގްގެ ސީރިއަސް ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.
ސަރުކާރުގެ 700 މިލިއަން މެލޭޝިއަން ރިންގިޓް (220 މިލިއަން ސިންގަޕޫރު ޑޮލަރު) އާ ގުޅޭގޮތުން ކުރިއަށްދާ ކޮރަޕްޝަނުގެ ތަހުގީގެއްގައި، 2025 ވަނަ އަހަރު އޭނާ ވަނީ ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މި ފައިސާއަކީ އޭނާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އިއުލާނުކުރެއްވި "ކެލުއާގާ މެލޭޝިޔާ" (މެލޭޝިޔާގެ އާއިލާ) ކެމްޕޭން އިޝްތިހާރު ކުރުމަށް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވެއެވެ.
އެމްއޭސީސީ އިން މީގެ ކުރިން ވަނީ މެލޭޝިޔާ ފައިސާއާއި ބޭރު ފައިސާއިން ޖުމްލަ 170 މިލިއަން ރިންގިޓްގެ ނަގުދު ފައިސާއާއި، 7 މިލިއަން ރިންގިޓްގެ އަގުހުރި 16 ކިލޯގެ ރަން އޭނާގެ އަތުން އަތުލައިގެންފަ އެވެ. މި ތަހުގީގާއި ގުޅިގެން އިސްމާއީލް ޞަބްރީގެ ކުރީގެ ހަތަރު އޮފިސަރަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 8:35 ހާއިރު ކޯޓަށް ވަޑައިގެންނެވިއިރު، އޭނާގެ އަރިހުގައި އަނބިކަނބަލުން މުހައިނީ ޒައިނަލް އާބިދީންއާއި ސުބަންގް ޔޫއެމްއެންއޯގެ ރައީސް ޑރ. އަރްމަންދު އަޒްހާ އަބޫ ހަނީފާ ބައިވެރިވެވަޑައިގެންނެވި އެވެ. ކޯޓު ބޭރުގައި އޭނާއަށް ތާއީދުކުރާ 50 އެއްހާ މީހުން ހެނދުނު 7:00 ޖެހީއްސުރެ ޖަމާވެފައި ތިއްބެވެ.
މީގެ ކުރިން އޯގަސްޓް 7 ވަނަ ދުވަހަށް ތާވަލުކުރި މި މައްސަލައިގެ އަޑުއެހުން ލަސްކުރަން ޖެހުނީ، އުމުރުން 66 އަހަރުގެ ޞަބްރީގެ ސިއްހީ ހާލަތު ހުރިގޮތުންނެވެ. އޭނާ ވަނީ ހިތުގެ ވިންދު ހަމަކުރުމަށްޓަކައި ކުރަންޖެހޭ "ލީޑްލެސް ޕޭސްމޭކާ އިމްޕްލާންޓޭޝަން" އޮޕަރޭޝަނެއް ދާދިފަހުން ކޮށްފަ އެވެ.
ކޯޓުން ވަނީ 300,000 ރިންގިޓްގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލާފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.
މި ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 100,000 ރިންގިޓްގެ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ. އިސްމާއީލް ޞަބްރީއަކީ ނަޖީބު ރައްޒާގާއި މުހްޔިއްދީން ޔާސީންއަށްފަހު، ކޮރަޕްޝަނުގެ ތަހުގީގަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މެލޭޝިޔާގެ ތިންވަނަ ކުރީގެ ބޮޑުވަޒީރެވެ.
އެމެރިކާގެ މުހިންމު އިދާރާތަކަށް ޗައިނާގެ ހެކަރުންގެ ހަމަލާތަކެއް
ތިނަދޫގެ އާބާދީ އޮޅުވައިލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ މަންފާ ގިނަ ބަޔަކަށް
