ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަންނަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ ކެމްޕޭނެއްގައި ބައިވެރިވުމަށްޓަކައި ކަމަށެވެ. އެ ހަރަކާތަކީ ވިލިނގިލީ ރައްޔިތުން އިންތިޒާމު ކުރާ ހަރަކާތެއް ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ޔާމީން މިހާރު ވަނީ ށ. އަތޮޅާއި ރ. އަތޮޅު އަދި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. މިހާތަނަށް އެމަނިކުފާނު މިކެމްޕެއިންގައި ވަޑައިގެން ހުރިހާ ރަށަކުން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މިހަރަކާތް އިތުރަށް ވަރުގަދަ ކުރުމުން ސަރުކާރުން ވަނީ މިހަރަކާތް ހުއްޓުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތްތުގެ ސަބަބުން ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުގެ މިނިސްޓަރު ދަނީ އެކި ފޯރަމުތަކުގައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ގައުމީ ހަރަކާތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ގާނޫނު ހެދިދާނެ ކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.