މިދިޔަ މަހު ރާއްޖެއިން ހައްޔަރުކުރި ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެމްބަރެއް ކަމަށްވާ ހޫދު މުހައްމަދު ޒާހިރަކީ މީގެ ކުރިންވެސް ކުށުގެ ރިކޯޑު އޮންނަ މީހެއްކަން ހާމަވެއްޖެ އެވެ.
ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ދަށުން ފުލުހުން އޭނާ އަތުލައިގަނެފައިވަނީ، އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އައިއެސްގެ ސެލްއެއް ހިންގަމުން ދިޔަ މީހެއް ކަމަށެވެ.
އޭނާ ދިޔައީ އެކި ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް މީހުންނަށް ހިތްވަރު ދެމުން ކަމަށާއި، ހުޅަނގުގެ ގައުމުތަކުގެ ލީޑަރުންނަށް ހަމަލާދީ އަވަހާރަކޮށްލަން ގޮވާލާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އޭގެ އިތުރުންވެސް ހޫދަކީ މީގެ ކުރިން ހުތުރުކަން ބޮޑު ކުށްތައް ކުރުމުގައި ހަރަކާތްތެރިވެ އުޅުނު މީހެއްކަމަށް ވަނީ އެނގިފަ އެވެ. މިގޮތުން ބައެއް މީޑިއާތަކުން ބުނާގޮތުގައި އޭނާ ވަނީ މީގެ ކުރިން އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއްގައިވެސް ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގައި ހަމީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހޫދުވެސް ހިމެނެ އެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތެއް ނުވި އެވެ.
ފުލުހުން އިއްޔެ ހޫދު ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ތަންތަން ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި އޭނާ ބޭނުންކުރި ފޯނު ނަންބަރުތަކުން ކޮށްފައިވާ މުއާލަމާތްތައް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދުމުން އެ އަމުރު ނުލިބުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އިއްޔެ ވަނީ އެކަމާ ގުޅޭ އަމުރެއް ވެސް ނެރެފައިވެ އެވެ.