ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔުކްރެއިންގައި ތާށިވެފައިތިބި 15 ދިވެހި ދަރިވަރުން މިއަދު މާލެ އަތުވެއްޖެ އެވެ.

އެކުދިން މާލެ އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން ހަވީރު 15:10 ހާއިރުގަ އެވެ. ރަޝިއާއިން ހަމަލާދޭނެކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ.

އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ފޮރިން މިނިސްޓްރީ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކެނޑި ނޭޅި ކުރި މަސައްކަތުން އެ ދަރިވަރުން މިދިޔަ ހުކުރު ވަނީ ހަންގޭރީއަށް ގޮސްފަ އެވެ.

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ މިހާރުވެސް ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކިއެވްގައި ތިބި ދިވެހި އާއިލާ މިހާރު އަންނަނީ ހަންގޭރީ ބޯޑަރަށް ދިއުމަށް ދަތުރުކުރަމުންނެވެ. އެ މީހުން ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސީ އަމިއްލައަށް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

ހަރްކިވްގައި ތިބި އަށް ދިވެހިންގެ ތެރެއިން، ފަސް ކިޔަވާ ކުދިން ތިބީ އެކުގައި، ބިންގަރާހެއްގައި ރައްކާތެރިކަން ހޯދައިގެންނެވެ.

ހަނގުރާމައިގައި ހާލަތު ގޯސްވެފައިވާ ހަރްކިވްއިން، ރައްކާތެރި ސަރަހައްދަކަށް ދިޔުމަށް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.