ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ގިނަ ބިލްތަކެއް ފާސްކޮށްފައިވަނީ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންނާ މަޝްވަރާ ނުކޮށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ބިލްތައް ތަޅުމުގައި ފުރިހަމަ ބަހުސަކާ ނުލައި ކޮމިޓީތަކަށް ފޮނުވާ ކަމަށެވެ. ކޮމިޓީ މަރުހަލާގައި ވެސް ހޯދަނީ ހަމައެކަނި ބަންޑާރަ ނައިބުގެ ލަފާ ކަމަށާއި، ކޮމިޓީ ކުރިއަށް ގެންދަނީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ބިލްތައް ފާސްކުރެވިފައިވަނީ ޑިއު ޕްރޮސެސް ފުރިހަމަ ކޮށްގެން ކަމަށް ބެލެވެން ނެތް ކަމަށް ވެސް މައުރޫފް ފާހަގަ ކުރެއްވި އެވެ. ހަމަ އެއާ އެކު، ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ބިލްތައް ފާސްކުރުމުގައި ފަރުވާ ކުޑަ ގޮތެއް ގެންގުޅޭތީ، ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ، މި ދައުރުގައި މަޖިލީހުގެ ކަންކަން ކުރިއަށް ދަނީ ހަމަ ނުޖެހޭ ގޮތަކަށް ކަމަށެވެ. ސަރުކާރު ހިންގާ ޕީއެންސީ ޕާޓީއަށް ސުޕަ މެޖޯރިޓީ ލިބިފައި ވީ ނަމަވެސް، ބިލްތަކަށް ފުދޭ ވަރަށް ބަހުސް ނުކުރެވެނީ، ހިޔާލު ފާޅުކޮށްފި ނަމަ ޕާޓީ ބަދަލުވި ކަމަށް ބަލައި، ގޮނޑި ގެއްލިދާނެ ކަމުގެ ބިރު މެންބަރުންގެ އޮތުމުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ ކުރިއަށް އޮތް ތަނުގައި ބިލްތައް ފާސްކުރުމުގެ ކުރިން، ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންނާ ފުރިހަމައަށް މަޝްވަރާ ކުރުމަށާއި، ގާނޫނު ހަދާ ތަނެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭ ފެންވަރުގެ ގާނޫނުތައް ހެދުމަށް ގޮވާލާފަ އެވެ.