އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ ތެރޭގައި، އުފެއްދިތާ 20 އަހަރު ފުރިފައިވާ ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލީހުން އިއްޔެ ފާސްކުރި އެއްގަމު ދަތުރުފަތުރުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްތިސްނާ ހާލަތްތަކުގައި ހިމެނޭ ހާއްސަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމުން، އުޅަނދުގެ ވެރިފަރާތަށް ރަސްމީކޮށް ނޯޓިސް ދިނުމަށްފަހު އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޖެހޭނެއެވެ.

މި ބަދަލާއެކު، މިހާރު 20 އަހަރު ވެފައިވާ އުޅަނދުތަކާއި ކުރިއަށް އޮތް 2029 ވަނަ އަހަރާ ހަމައަށް 20 އަހަރު ފުރޭ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ ވެސް ބާތިލުވެގެންދާނެއެވެ. ނަމަވެސް، ތާރީހީ ގޮތުން މުހިންމު އުޅަނދުފަހަރާއި، ވަކި ބާވަތްތަކުގެ ހާއްސަ އުޅަނދުތައް މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

ބިލުގައިވާ ގޮތުން މިފަދަ ހާއްސަ ގިންތީގެ އުޅަނދުތައް ކަނޑައަޅާނެ ޝަރުތުތަކާއި މިންގަނޑުތައް ބަޔާންކުރާނީ މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދެއްގަ އެވެ. އޭގެ އިތުރުން އެފަދަ އުޅަނދުތައް މަރާމާތުކޮށް އާކުރުމާއި (ރީފާބިޝްކުރުން)، މަގުމައްޗަށް ދޫކުރުމަށް އެކަށޭނަ މިންވަރު ކަށަވަރުކުރުމުގެ (ރޯޑްވާދިނަސް) އުސޫލުތައް ވެސް އެ ގަވާއިދުގައި ހިމަނަންޖެހެއެވެ.

މި ބިލު ދިރާސާކުރި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާހަގަކުރި ގޮތުގައި، އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ މަގުމަތީގައި ބޭނުންކުރާ އުޅަނދުތަކުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ. އަދި މީގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ހިނގާފާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ކޮމިޓީން ބުނެފައިވެއެވެ.

މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މުޅި ރާއްޖެއަށް އާންމުކޮށް އުޅަނދު ބޭނުންކުރެވޭނެ ވަކި އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް، އެ ބާރު މިހާރު ދީފައިވަނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްތަކަށެވެ. މަޖިލީހުން މި ގެނައި އިސްލާހާއެކު މުޅި ރާއްޖޭގައި ވެސް 20 އަހަރުވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ.