މޮސްކޯ (04 މާޗް) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރަޝިއާ ސިފައިންނާ ދެކޮޅަށް ޔޫކްރެއިން ސިފައިންނާއެކު މެދުއިރުމަތީގެ ސިފައިން ވެސް ހަރަކާތްތެރި ވަމުންދާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ސެކިއުރިޓީ ކައުންސިލްއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި އޮޕަރޭޝަން ކުރިޔަށް ދަނީ ރޭވުމާ އެއްގޮތަށް ކަމަށާއި ރަޝިއާއަށް ކާމިޔާބު ލިބެމުން އަންނަ ކަމަށެވެ.

"އޮޕަރޭޝަންގެ ހުރިހާ ކަމެއް ހިނގަމުން ދަނީ ރޭވުމާ އެއްގޮތަށް. ޓާސްކުތައް ވެސް އަންނަނީ ކާމިޔާބު ކަމާއެކު ނިންމަމުން،" ޕުޓިން ވިދާޅުވި އެވެ.

މިއާއެކު ޕުޓިން ވަނީ ޔޫކްރެއިންގެ ސިފައިން އެހެން ގައުމުތަކުގެ ރައްޔިތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ދަލީލެއް ޕުޓިން ފާހަގަ ކުރައްވާފައެއް ނުވެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހަފްތާގައި ފެށި ހަނގުރާމައިގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ އާއްމުން މަރުވެ ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވަނިކޮށެވެ.

ރަޝިއާ އަސްކަރިއްޔާއަށް ބަލާއިރު މިހާތަނަށް 498 ސިފައިން މަރުވެ 1500 އަށްވުރެ ގިނަ ސިފައިން ޒަހަމް ވެފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެ އެވެ.

ޕުޓިންގެ މި ވާހަކަތަކަކީ ރަޝިއާގެ ރޭވުންތައް މަޑުޖެހިފައިވާ ކަމަށް ހުޅަނގުން ބުނާ ބުނުންތަކާ ފުށުއަރާ ވާހަކަތަކެކެވެ. – އަލް އަރަބިއްޔާ