ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނާ ހިލާފަށް އާބާދީގެ މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން ތަހުގީގު ކުރަމުން އައި މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް ދައުވާކުރަން އެދުނީ ކޮން ފަރާތްތަކެއްގެ މައްޗަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މި މަހުގެ 10 ވަނަ ދުވަހު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.

ނަމަވެސް އާބާދީގެ މައުލޫމާތު އޮޅުވާލި ކަމަށް ކުރެވޭ ތުހުމަތުތައް ސައުދު ވަނީ ދޮގުކުރައްވާފަ އެވެ.

ހަމައެއާއެކު މި މައްސަލަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނެފައި ވަނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅު ފުއްދުމަށާއި، ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައި އޮޅުވާލައިގެންނެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު 30 ގައި ރައީސް ޞާލިޙުގެ ވެރިކަމުގައެވެ. އަދި މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫ ސިޓީގެ ދަރަޖައިގައި ދެމިއޮންނާނެ ކަމަށް ނިންމާފައެވެ.