އިޓަލީގެ ވެރިރަށް ރޯމްގައި ކައިވެނިކުރާ ކޮންމެ ދެމަފިރިއަކަށް 2000 ޔޫރޯ (ގާތްގަނޑަކަށް 2185 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިޓަލީއިން މި ނިންމުން ނިންމާފައި މިވަނީ ކޮވިޑް 19ގެ ސަބަބުން ރޯމްގައި ބާއްވާ ކައިވެނިތައް އިންތިހާއަށް ދަށްވެ ވެޑިން ކޭޓަރަރުންނާއި ޕްލޭނަރުންނަށް ގިނަ ގޮންޖެހުން ތަކަކީ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މި ޕްރޮގްރާމްގެ ދަށުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ޑިސެމްބަރު މަހާ ދެމެދު ރޯމްގައި ކައިވެނިކުރަން ބޭނުންވާ ކޮންމެ ޖޯޑަކަށް 2000 ޔޫރޯ ދެވޭނެ އެވެ. މި ޕްރޮގްރާމްގައި އިޓަލީ ރައްޔިތުންގެ އިތުރުން އެެހެން ގައުމުތަކުގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން ކައިވެނީގެ ހަރަދުތަކަށް ހޭދަކުރި ފައިސާގެ ރަސީދުތައް ހުށައެޅުމުން އޭގެ ބަދަލުގެ ގޮތުގައި 2000 ޔޫރޯ ދެވޭނެ އެވެ. ކައިވެނީގެ ހަރަދުތަކުގެ ގޮތުގައި ބެލެވޭނީ އެ ރޯމްގެ ކޭޓަރިންނާއި ވެޑިން ޕްލޭނަރުންނާއި ކައިވެނި ހެދުމުގެ އިތުރުން ފޮޓޯގްރަފީއާއި ކައިވެނި ބާއްވާ ތަނުގެ ކުއްޔެވެ.

މި ޕްރޮގްރާމަށް އިޓަލީގެ ސަރުކާރުން 10 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިު އަންނަ އަހަރުގެ ނިޔަލަށް ފައިސާ ހޯދަން ހުށައެޅޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޯމްއަކީ ތާރީހީ ގިނަ ތަންތަން ހުންނަ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ޔޫރަޕްގެ މަންޒިލެކެވެ.