ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ދެ މަގާމަށް އައްޔަން ކުރަން ނިންމީ ސ. ފޭދޫ ފިތުރޯނުގޭ، ޒުހައިލާ ޝީޒާ އާއި ގއ. މާމެންދޫ ފެހިގޭ، އަހުމަދު ނިމާލް ޖުނައިދު ކަމަށެވެ. އެ ދެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުގައި އެންމެ ގިނަ މާކްސް ލިބުމުންނެވެ.
ޒުލައިހާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނާސް) ހާސިލްކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވަސިޓީ އޮފް ލަންޑަންއިން މާސްޓަ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން، ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.
އަހްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ. އަދި ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނާގެ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގައި މިވަގުތު ވެސް 14 ފަނޑިޔާރަކު ތިއްބަވަ އެވެ. ރާއްޖޭގައި އެއް ކޯޓެއްގައި އެންމެ ގިނަ ފަނޑިޔާރުން ތިއްބެވީ ވެސް ސިވިލް ކޯޓުގަ އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު، 46،000 އަށް ވުރެ ގިނަ ރުފިޔާ އާއި ފޯން އެލަވަންސް ލިބެ އެވެ.