ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ދައުވާ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރީ 2015 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓު ދެއްވުމުގެ މުޤާބިލެއްގެ ގޮތުގައި 33،000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ތުހުމަތުކޮށެވެ.
މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އެ ދައުވާ ބޭރުކޮށްލާފައިވަނީ އެއީ، މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެގޮތުން މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނަކަމަށް ނިންމައި މައްސަލަ ބޭރުކޮށްލާފަ އެވެ.
ހަމައެހެންމެ، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހެޅިނަމަވެސް، އެ ހެކިތަކަކީ މައްސަލަ ސާބިތުވާ ހެކިތަކެއް ނޫންކަމަށް ވެސް ގާޒީ މިސްބާހު ވަނީ ނިންމަވާފަ އެވެ. އަދި ގާޒީ އެފަދައިން ނިންމެވީ، މީގެ ކުރިން ހައިކޯޓުން ނިންމެވި ނިންމެވުމަށްވެސް ރިއާޔަތްކުރެއްވުމަށް ފަހުގައި ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފަށް ތުހުމަތުކޮށްފައިވާއިރު، އެތުހުމަތުތަކަށް މަހުލޫފު ވަނީ އިންކާރުރައްވާފަ އެވެ.
މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހުށަހަޅާފަ އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.