ޖިމްގައި ނުވަތަ ކަސްރަތު ކުރުމަށްފަހު ޕްރޮޓީން ޝޭކްއެއް ބުއިމަކީ އަހަރުމެންގެ ތެރެއިން ވެސް ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް، ކަސްރަތު ނިމުނުހާ އަވަހަކަށް ޕްރޮޓީން ޝޭކްއެއް ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟

ފެޓް ލޮސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ސިމްރަން ހޯސްލާ ބުނާ ގޮތުން، މިއީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަތީޖާ ހޯދުމަށްޓަކައި ކަސްރަތު ނިމުނުހާ އަވަހަކަށް އެއްވެސް ސަޕްލިމެންޓަކަށް ބަރޯސާވާކަށް ނުޖެހެ އެވެ.

ކަސްރަތަށްފަހު ހަށިގަނޑަށް ބޭނުންވާ މައިގަނޑު ތިން ކަމަކަށް ސަމާލުކަން ދިނުން މާ މުހިންމު ކަމަށް ސިމްރަން ފާހަގަކުރެ އެވެ. އެއީ:

  • ޕްރޮޓީން: މަސްތައް އާރާސްތުކޮށް އަލުން ބިނާކުރުމަށް ހަށިގަނޑަށް ޕްރޮޓީން ބޭނުންވެ އެވެ.
  • ކާބޮހައިޑްރޭޓްސް: ކަސްރަތުގެ ތެރޭގައި ހަށިގަނޑުން ހުސްވާ ހަކަތައިގެ މިންވަރު އަލުން ފުރިހަމަ ކުރުމަށެވެ.
  • ފެނާއި އިލެކްޓްރޯލައިޓްސް (ހައިޑްރޭޝަން): ހަށިގަނޑުގައި ފެން ހިފަހައްޓައި، ވަރު ޖެއްސުމަށް ފެނާއި އިލެކްޓްރޯލައިޓްސް ބޭނުންވެ އެވެ.

މި މާއްދާތައް ހޯދުމަށް ކޮންމެހެން ބޭރުން ގަންނަ ސަޕްލިމެންޓްތަކަށް ބަރޯސާވާކަށް ނުޖެހެ އެވެ. އާންމުކޮށްށް ކައިއުޅޭ ކާނާއިން ވެސް މި ހުރިހާ ބޭނުންތަކެއް ފުއްދިދާނެ އެވެ.

އޭނާ ހުށަހަޅާފައިވާ ބައެއް ކާނާގެ ބާވަތްތަކުގެ ތެރޭގައި މުގު، ބިސް އަދި ޗިއާ ސީޑްސް ފަދަ ބާވަތްތައް ހިމެނެ އެވެ.

ޕްރޮޓީން ޝޭކް ބޭނުންވަނީ ކޮން ހާލަތެއްގައި؟

އާންމު ކާނާއިން ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީން ހަމަ ކުރަން ދަތިވާ ހާލަތްތަކުގައި ޕްރޮޓީން ޝޭކް ބޭނުން ކުރުމަކީ ފައިދާހުރި ކަމަކަށް ވެދާނެ އެވެ.

ނަމަވެސް މިއީ ކޮންމެހެން އުފުލަންޖެހޭ ބުރައެއް ނޫނެވެ. މިއީ ހަމައެކަނި ފަސޭހައަކަށް ބޭނުންކުރާ އެއްޗެކެވެ. އާންމުކޮށް ކާ ކާނާއިން ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭނަމަ އެއީ އެންމެ ފުދޭވަރެވެ.

ކަސްރަތު ނިމުނުހާ އަވަހަކަށް ޝޭކެއް ނުބޮވިގެން ކަންބޮޑުވުމުގެ ބަދަލުގައި، ކަސްރަތު ކުރާތާ އެކެއް ނުވަތަ ދެ ގަޑިއިރުގެ ތެރޭގައި ސއްހަތަށް ރަނގަޅު ބަރު ކާނާގެ ބަޔެއް ކެއުމަށް ސަމާލުކަން ދިނުމަށް އޭނާ ލަފާދީފައިވެ އެވެ.