މޮސްކޯ (06 މާޗް) - ހަނގުރާމައެއް ކުރަން ޖެހިއްޖެ ނަމަ އެކަން ކޮށްގެން ވިޔަސް ޔޫކްރެއިންގައި ރަޝިއާއިން ހާސިލްކުރަން ބޭނުންވާ މަގްސަދުތައް ހާސިލް ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމިރް ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން މިހެން ވިދާޅުވެފައިވަނީ ފްރާންސްގެ ރައީސް މެނުއަލް މެކްރޯންއާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގަ އެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ޔޫކްރެއިން މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ޕުޓިން ވިދާޅުވީ ރަޝިއާގެ މަގްސަދުތައް ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން ވިޔަސް ނުވަތަ ހަނގުރާމައަކުން ވިޔަސް ހާސިލް ކުރަން ރަޝިއާއިން ތައްޔާރު ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
ޔޫކްރެއިންގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާ ދިނުމަކީ ބޭނުންފުޅުވި ގޮތް ނޫން ކަމަށް ޕުޓިން ވިދާޅުވި އިރު އޭނާ ވަނީ ހަނގުރާމައިގައި މަދަނީ އިމާރާތްތަކާއި އާއްމުން ހަމަލާތަކުގެ އަމާޒަކަށް ހަދާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތައް ވެސް ދޮގު ކޮށްފަ އެވެ.
އެއް ގަޑިއިރާއި 45 މިނެޓަށް ދިގުދެމިގެން ދިޔަ މި ކޯލަށްފަހު މެކްރޯންއާ ހަވާލާދީ ފްރާންސްގެ ރައީސް އޮފީހުން ބުނީ ޕުޓިންގެ އަޒުމް ވަރަށް ވަރުގަދަ ކަމަށާއި އޭނާގެ މަގްސަދުތައް ހާސިލް ކުރުމުގައި ފަސް ޖެހޭނެ ކަމަށް ނުފެންނަ ކަމަށެވެ.
މި ފޯނު ކޯލުގައި ޕުޓިން ވަނީ އާއްމު ރައްޔިތުން ޔޫކްރެއިންގެ ސަރަހައްދުތަކުން ހުސްކުުރުމުގައި އެ ގައުމުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.