މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، އެ ފެސިލިޓީ ހެދުމުގެ ހުއްދަ ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ ބިން މި މަހުގެ ތެރޭގައި ހަމަޖެހޭނެ ކަމުގެ ޔަގީންކަން އޮތުމާއެކު، ބިން ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހާޖައްރާފު ފަދަ ބައިނަލްއަގުވާމީ ގޮތުން ރެޖިސްޓްރީކޮށް ކްލާސްކޮށްފައިވާ އުޅަނދުތައް ވަކި މުއްދަތުތަކެއްގައި ސާވިސްކުރަން ރާއްޖޭން ބޭރުގެ ޑޮކިން ފެސިލިޓީތަކަށް ގެންދަންޖެހުމުގެ ސަބަބުން ބޭރު ފައިސާއިން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭކަން ސައުދީ ފާހަގަކުރެއްވި އެވެ. އެކަމަށް ހައްލެއްގެ ގޮތުން ސަރުކާރާއެކު އެކުލަވާލާ ޕްލޭނެއްގެ ދަށުން ގާއިމުކުރާ މި ފެސިލިޓީއާއެކު ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށާއި، މީގެ ސަބަބުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ތިލަފުށީގައި އުޅަނދުފަހަރު މަރާމާތުކުރި ނަމަވެސް، ޖާގައިގެ ދަތިކަމާ ހުރެ ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް ހުރިކަން ސައުދީ ފާހަގަކުރެއްވި އެވެ. ނަމަވެސް އައު ފެސިލިޓީ ގާއިމުކުރެވުމާއެކު ކުންފުނީގެ އާމްދަނީ ޑައިވާސިފައިވެ، ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ރާއްޖެއިން މަސްދަޅު އެކްސްޕޯޓް ކުރިވަރު ދަށްވެއްޖެ