ކީވް (10 މާޗް) - ރަޝިއާގެ ރައީސް ވްލަމިިދީރް ޕުޓިންގެ ނިއުކްލިއާ އިންޒާރުތަކަކީ އެއްވެސް ބުރަދަނެއް ނެތް ހޮޅި އިންޒާރުތަކެއް ކަމަށާއި އެކަމުން ޕުޓިންގެ ބަލިކަށިކަން ހާމަވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވްލަމިދީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ މިހެން ވިދާޅުވީ އެއްވެސް އަސާސެއް ނެތް ހޮޅި އިންޒާރުތަކަކުން ޔޫކްރެއިންއަށް ބިރު ދައްކަން މަސައްކަތް ކުރުމުން އެނގިގެން ދަނީ ޕުޓިންގެ ބަލިކަށިކަން ކަމަށާއި އެއީ ޕުޓިންގެ ރޭވުންތައް ނާކާމިޔާބު ވަމުން އަންނާތީ ބޭނުންކުރާ އުކުޅެއް ކަމަށެވެ.

"އެ އިންޒާރުތަކަކީ ހޮޅި އިންޒާރުތަކެއް. ނިއުކްލިއާ ބާރުތައް ބޭނުން ކުރުމުގެ ނޭދެވޭ އަސަރު ރަޝިއާއަށް ކުރާނެކަން ޕުޓިންއަށް ވެސް އެނގޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ ތިންވަނައަށް ވީ ދުވަހު ޕުޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ބާރުތައް ހައި އެލާޓަށް ގެނެސްފަ އެވެ.

އޭގެ ޖެހިގެން އައި ދުވަހު ރަޝިއާގެ ނިއުކްލިއާ އަސްކަރީ ސިފައިން ވަނީ ޑިއުޓީއަށް ނުކުމެ ތަމްރީނުތައް ފަށާފަ އެވެ.

ހަނގުރާމައަށް ދެހަފްތާވެފައިއވާއިރު މިހާތަނަށް ގިނަ އަދަދެއްގެ އާއްމުން މަރުވެ ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފަ އެވެ. -- އަލް އަރަބިއްޔާ