ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މިއަދު އެ މައްސަލައިގެ ހުކުމް ހައިކޯޓުން އިއްވިއިރު، މައްސަލައިގައި ހިމެނޭ ކަންކަމަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވަނީ ނިންމައިފަ އެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްފައި ވަނީ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކި ވަޒަންކުރާއިރު މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމުމަށްފަހުގަ އެވެ. މި މައްސަލަ ބޭރުކޮށްލެއްވީ ގާޒީ މުހައްމަދު މިސްބާހު އެވެ. އެމަނިކުފާނަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ބޮޑު ހިޔާނާތުގެ އެންމެ މުގުލުގައި ހުރި ޒިޔަތުގެ ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅެކެވެ.