ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ނިންމެވީ ކުރީގެ ސަރުކާރުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގައި މިއަދު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުތައް ބަނދަރު ކުރަން ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ތަސައްވުރުގެ އަމަލީ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

މި ގަރާރު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ބަނދަރުގެ ނަމުގައި އިންޑިއާގެ ހަތިޔާރު ގުދަން ކުރުމުގެ މަސައްކަތެއް ކަމަށެވެ.

ސައީދު އެހެން ވިދާޅުވުމާއެކު، ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ އުލިގަމުގައި ހަތިޔާރު ބަހައްޓައި ގުދަން ކުރަން ނިންމައި އެގްރިމެންްޓްއެއްގައި ސޮއިކުރެއްވީ ކުރީ ސަރުކާރުގައި ކަމަށެވެ.

"އެ އެގްރިމެންޓަކީ ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރެއްވި އެގްރިމެންޓްއެއް. އުލިގަމަށް އަންނަ ޔޮޓްތަކަށް ހިމާޔަތް ދިނުމުގެ ބޭނުމުގައި ކަމަށް ފާހަގަކޮށް ހަތިޔާރު ބަހައްޓަން، އޭގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ތުހުމަތާ ގުޅިގެން އެކަން ދޮގުކުރައްވާ ކުރެއްވި ޓުވީޓެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ނަޝީދު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އޭނާގެ ޑިފެންސް މިނިސްޓަރުކަމުގައި އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ފަހުގައި ސައީދަށް ދެން ފުރުސަތު ދެއްވުމުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު މަޖިލީހުގައި ތިއްބަވާ ހއ.ގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި އެ އެގްރިމެންޓް އޮތް ކަމަށް ވިދާޅުވެ ރައްދު ދެއްވި އެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ހަތިޔާރު ގުދަންކުރުމުގެ އެގްރިމެންޓްއެއް އެބަ އޮތް ކަމަށެވެ. އެގްރިމެންޓަށް ސަރުކާރުން އަމަލު ނުކޮށްފިނަމަ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މެރިޓައިމް ސެކިއުރިޓީ ދެވޭނީ ވެސް ހަތިޔާރު ގުދަންކޮށްގެން ކަމަށާއި އެ ގޮތުގެ މަތިން މޯލްޓާ ކުންފުންޏަކާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. އަދި ފަހުން އެ އެއްބަސްވުން އުވާލަން އުޅުނީތީ ބަދަލު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ އެފަދަ އެއްބަސްވުމެއް އޮތް ނަމަ، ހާމަ ކުރަން ގޮވާލެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދު ދެން ވިދާޅުވީ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ގެނެސް ހުރިހާ ރައްޔިތުންނަށް އެ ހާމަކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ.