އިންޓެލް ފުލުހުން ކަމަށް ހެދިގެން މާލޭގެ ގެސްޓު ހައުސް އަކުން އިއްޔެ ރޭ ފޭރުނު މައްސަލާގައި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ މަޖީދީމަގުގެ ފަރިވާ ސްޓޭ 3 ގެސްޓު ހައުސްއިން ފޭރުނު މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ފަރިވާ ގެސްޓު ހައުސްއަށް މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުގައި ތިބި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަނީ ފޭރިގެންފަ އެވެ.

"އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނައިން ފޭރެނީ މޮބައިލް ފޯނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.