އެކި މީހުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާނީ އެކި ކަންކަމެވެ. ކުރާހިތް ވާނީ ވެސް އެކި ކަންކަމެވެ. އެއްބަޔަކު އާއްމު ދިރއުޅުމެއް ބޭނުންވާއިރު އަނެއް ބަޔަކު ބޭނުންވަނީ ތަފާތު ތަޖުރިބާތައް ކުރެވޭ، އިނގިރޭސި ބަހުން ބުނާނަމަ "އެޑްވެންޗަރަސް" ދިރިއުޅުމެކެވެ.

ވަރަށް ހަގު އުމުރެއްގައި އޭނާ ވަނީ މުޅި ދުނިޔެ ބަލާލުމުގެ އަޒުމުގައި އޭނާގެ ދަތުރު ފަށާފަ އެވެ. އެއީ އުމުރުން 19 އަހަރުގެ ޒައިދު (ފުރިހަމަ ނަމެއް ނޫން) އެވެ.

އޭނާ ބުނާ ގޮތުގައި އެންމެ ކުޑައިރުއްސުރެ ރާއްޖެއިން ނުފެންނަ ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމުގެ ޝައުގުވެރިކަން އަބަދުވެސް އޭނާގެ ހިތުގައި އޮވެ އެވެ.

"ރީތި ގޮނޑުދޮށްތަކާއި މޫދާ ތަފާތު ތަނެއް ބަލާލާ ހިތްވޭ އަބަދު ވެސް" ޒައިދު ބުންޏެވެ.

https://www.instagram.com/p/CbDQQuigwjC/?utm_source=ig_web_copy_link

އެ ޝައުގުވެރިކަމާއެކު އޭނާގެ ދަތުރު ފެށީ އުމުރުން 18 އަހަރު ފުރުނުތާ ހަ މަސް ނުވެގެން އުޅެނިކޮށެވެ. ފޮށި ތަންމަތި ބަނދެ، ފުރީ އޭނާ އަބަދުވެސް ބޭނުންވި އެޑްވެންޗަރަސް ދިރިއުޅުމެއްގެ ފެށުމަށެވެ.

އޭގެ ފަހުން އަހަރެއް ވެގެން ދިޔައިރު ޒައިދު ވަނީ ތަފާތު ހަތަރު ގައުމަކަށް ގޮސްފަ އެވެ. ދުނިޔޭގެ ދެ ބައްރުން ހަތަރު ގައުމަކަށް ދެވުނުއިރު އޭނާއަށް އެކި ތަންތަން ފެނި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވެ އެވެ.

https://www.instagram.com/p/CbGOWaLAKaa/?utm_source=ig_web_copy_link

އޭނާގެ މިތަޖުރިބާތައް އެންމެ ފަސޭހައިން ފެންނާނެ ތަނަކީ އޭނާގެ އިންސްޓަގްރާމް އެވެ.

ޓްރެވަލިންގް އިންޓްރޮވޯޓްގެ ނަމުގައި އޭނާ ހިންގާ އެކައުންޓްގައި ޒައިދުގެ ދަތުރުތަކުގެ ފޮޓޯތަކާއި އެ ތަޖުރިބާތައް އާއްމުންނާ ހިއްސާ ކުރަމުން ގެންދެ އެވެ.

އޭވިއޭޝަން ދާއިރާގެ ފުލް ޓައިމް ވަޒީފާއެއްގައި އުޅެމުން އަންނަ ޒައިދު ދަތުރުކުރަނީ އޭނާއަށް ލިބޭ ޗުއްޓީގެ މަދު ދުވަސްކޮޅުގަ އެވެ.

https://www.instagram.com/p/CbA-Q3IAdSH/?utm_source=ig_web_copy_link

"ފުލް ޓައިމް ޖޮބެއްގައި އުޅެމުން މިގޮތަށް ދަތުރު ކުރުމަކީ އުނދަގޫ ކަމެއް. ވަރަށް ދުރާލާ ކޮންމެ ދަތުރަކަށް ވެސް ޕްލޭން ކުރަން ޖެހޭ،" އޭނާ ބުންޏެވެ.

މިހާތަނަށް ހަތަރު ގައުމަކަށް ދެވުނު އިރު އޭގެ ތެރެއިން ތިން ގައުމަކަށް ޒައިދު ދަތުރުކުރީ އެކަންޏެވެ. އެކަނި ދަތުރު ކުރުމަކީ އޭނާ މާ ހިތްހަމަ ޖެހޭ ގޮތެއް ކަމަށް ޒައިދު ބުނެ އެވެ.

"ބައެއް ފަހަރު ހިތަށްއަރާ ކައިރީގަ މީހަކު ހުރިނަމަ ސަޅިވާނެއޭ. އެކަމަކު އެއީ ވަގުތީ އިހުސާސެއް. އެތަނަކަށް ދެވުނީމަ ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު،" އޭނާ ބުންޏެވެ.

https://www.instagram.com/p/CbGO2N0g8W0/?utm_source=ig_web_copy_link

ދަތުރު ކުރުމުގެ އިތުރުން މަތީ މަތީ ތައުލީމަށް ވެސް ޒައިދުގެ ހިތް އޮތީ ހުޅުވިފަ އެވެ. ފުރުސަތު ލިބިއްޖެ ނަމަ މަތިންދާ ބޯޓެއްގެ ކޮކްޕިޓެއްގައި އިނުމަށް އޭނާ ބޭނުންވެ އެވެ.

"ޕައިލެޓަކަށް ވާން ވަރަށް ބޭނުންވޭ. އެކަމަކު އެއީ ވަރަށް ހަރަދު ހިނގާ ކަމަކަށް ވާތީ މިވަގުތަށް ހަމައެކަނި ދަތުރު ކުރަން މި ވިސްނަނީ،" ޒައިދު ބުންޏެވެ.

މިހާތަނަށް ދެވުނު ގައުމުތަކުން އޭނާއަށް ދަސްވި އެއްކަމަކީ ދިރިއުޅުން ހަމައެކަނި ރާއްޖެއަށް ބަނދެވިފައި ނުވާ ކަމެވެ. ރީތި ގޮނޑުދޮށްތަކާއި ނަލަ މޫދުގެ އިތުރުން ވެސް ދުނިޔޭގައި ދެކިލަން އަދި ދަސްކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމެވެ.

https://www.instagram.com/p/CbDQdnlAn-q/?utm_source=ig_web_copy_link

"އަސްލު އިހުސާސް ވަނީ ދިވެހި ރާއްޖެ ކުޑަކަން. ބޭރު ގައުމަކަށް ދެވުނީމަ އެނގެނީ އެގައުމުތަކުގެ ދިރިއުޅުމާ ސަގާފަތާ އާދަކާދަތައް ވެސް ކިހާ މުއްސަނދި ކަން" ޒައިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ އެންމެ ދާހިތްވާ ޑްރީމް ޑެސްޓިނޭޝަންއަކީ ޖަޕާނެވެ. ޖަޕާނުގެ ސަގާފަތާއި ގުދުރަތީ ރީތިކަމަކީ ތަޖުރިބާ ކޮށްލަން ޖެހޭ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

"އެނިމޭ އޮރިޖިނޭޓްވި ޖަޕާނަށް ވަރަށް ދާހިތްވޭ. އެ ގައުމުން ވަރަށް ބައިވަރު ތަޖުރިބާތައް ކުރެވޭނެ،" ޒައިދު ބުންޏެވެ.

https://www.instagram.com/p/CbLPXyoAa9b/?utm_source=ig_web_copy_link

ޒައިދުގެ އަޒުމަކީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ގައުމުތަކަށް ދަތުރުކުރުމެވެ. ހަމަލޮލުން މުޅި ދުނިޔެ ބަލާލުމެވެ.

"ކޮންމެ ވެސް ދުވަހަކުން ފުލް ޓައިމް ޖޮބެއްގެ ގޮތުގައި ދަތުރު ކުރުމަކީ ވަރަށް ބޮޑު އުއްމީދެއް،" ކުރިމަގަށް ވިސްނަމުން ޒައިދު ބުނެލި އެވެ.

އޭނާގެ ވާހަކައިން ވެސް އެނގޭ ކަމަކީ ތިމާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ވަކި އުމުރެއް ނޯންނަ ކަމެވެ. ވަކި ކަމަކަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަމެވެ.

އެހެން ކަމުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރު ކުރަން ބޭނުންވެފައި ތިބި ޒުވާނުންނަށް ދެވެން އޮތް ނަސޭހަތަކީ ދުރާލާ ރާވައިގެން ބޭނުންވާ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގަ އެވެ. ޒައިދުއަށް މިހާ ހިސާބަށް އާދެވުނީ އެހެންނެވެ.