ރޯދަމަސް ފެށިގެން ކުރިއަށް ދާއިރު ކިރު ތުނބުން ނުވީއްލޭ ދަރިން ގެންގުޅޭ މައިންގެ އެންމެ ބޮޑު އެއް ސުވާލަކަށް ވެފައިވަނީ ރޯދައަށް ހުރެގެން ގާތުން ދިނުމަކީ ރައްކާތެރި ކަމެއްތޯ ކުރެވޭ ސުވާލެވެ. އެގޮތުން ރޯދަމަހު ގާތުން ކިރު ދިނުމާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

ރޯދަޔަށް ހުރެ ގާތުން ދިނުމުން ދަރިފުޅަށް ގެއްލުން ވާނެތަ؟

ގެއްލުމެއް ނުވާނެ އެވެ. ރޯދަޔަށް ހުއްޓަސް ކިރު އުފެއްދުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އޭގެ ފެންވަރަށް ވެސް ބަދަލެއް ނާދެ އެވެ. ރޯދަޔަށް ހުންނައިރު ހަށިގަނޑުން ގިނަ އަދަދެއްގެ ކެލަރީސް މަދުވެގެން ދިޔަ ކަމުގައި ވިޔަސް ކިރު އުފެދުމަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ.

ރޯދަޔަށް ހުރުމުން ގާތުން ދޭ ކިރަށް ބަދަލެއް އާދޭތަ؟

ރޯދަ ހިފާ މައިންގެ ގާތުން ބޯ ކުޑަކުދިންގެ ސިއްހަތަށް، ރޯދަ ނުހިފާ މައިންގެ ގާތުން ބޯ ކުދިންގެ ސިއްހަތަށް ކުރާ ހުރިހާ ފައިދާއެއް ކުރެ އެވެ. އެއްވެސް ތަފާތެއް ނުހުރެ އެވެ. އެހެންގެ މައިމީހާ ރޯދަޔަށް ހުރުމަކުން ދަރިފުޅަށް ކުރާނެ ނޭދެވޭ އެއްވެސް އަސަރެއް ނެތެވެ. ކުއްޖާގެ ބަރުދަނަށް އަދި ހެދިބޮޑުވުމަކަށް ވެސް ނޭދެވޭ އެއްވެސް އަސަރެއް ނުކުރެ އެވެ.

ރޯދަޔަށް ހުރެ ގާތުން ދޭ މައިންގެ ސިއްހަތަށް ގެއްލުން ވޭތަ؟

މިކަމާ ބެހޭ ގޮތުން ވެސް ދިރާސާތައް ކޮށްފައިވެ އެވެ. ގާތުން ދޭ މައިންގެ ތެރެެއިން ރޯދަޔަށް ތިބޭ މީހުންނާއި ރޯދަ ނުހިފާ މީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލާފައިވާ ދިރާސާތަކުން ދައްކަނީ ދެ ގްރޫޕްގެ މީހުންގެ ލޭގައި ވެސް ކެމިކަލް ބެލެންސް ހުންނަނީ ހަމަ ދާދި އެއްވަރަކަށް ކަމެވެ. އެހެންވެ ރޯދައިގެ ސަބަބުން، ގާތުން ދޭ މައިންނަށް ކުރާ ނޭދެވޭ އަސަރެއް އޮތް ކަމަކަށް ނުވެ އެވެ.