ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް 11 މެންބަރަކު ވޯޓު ދެއްވިއިރު 44 މެންބަރަކު ވޯޓު ދެއްވާފައިވަނީ އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށެވެ.

އާދަމް ޝަރީފް ހުށައެޅި މައްސަލައިގައިވަނީ ސްރީލަންކާގައި އިގްތިސާދީ އަދި ސިޔާސީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މުޒާހަރާކުރަމުންދާއިރު ހަމަނުޖެހުންތައް ހިނގައި، ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެ ގައުމުގައި މިހާރު ކާފިއު ހިންގާފައިވާ ކަމަށެވެ.

އަދި ލަންކާއަކީ ގިނަ އަދަދަކަށް ދިވެހި ދަރިވަރުންނާއި އަންހެނުންނާއި ކުޑަކުދިން ދިރިއުޅޭ ގައުމަކަށްވާއިރު، ލަންކާގައި އަސާސީ ހިދުމަތްތައް ލިބުން ދަތިވެ، ކާބޯތަކެތި ހޯދަން ބޮޑެތި އުދަގޫތަކެއް ކުރިމަތިވާ ކަމަށާއި އަދި ލިބޭ މަދު ކާބޯތަކެތި ކޮޅުވެސް ކަރަންޓު ނެތުމުގެ ސަބަބުން ފުރިޖުގައި ރައްކާކުރަން ދަތިވެފައިވާ ކަމަށެވެ. އަދި ދަތުރުކުރަންވެސް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ވަކިވަކިން ކައިރިން ބަލައި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މާލީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމަކަށްވާއިރު ލަންކާގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިންނަށްވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.