ސްރީލަންކާ އާއި ރާއްޖެއާ އެއްގޮތް ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އާބާދީގެ ގޮތުން ބޮޑު ނަމަވެސް ރާއްޖެ ގޮތަށް އެ ގައުމުގެ އިގްތިސާދު ވެސް ބަރޯސާވެފައި އޮތީ ހަމައެކަނި ފަތުރުވެރިކަމުން ލިބޭ އާމްދަނީ އަށެވެ. އެ ގައުމުގެ ގިނަ އުމްރާނީ މަޝްރޫއުތައް އެ ގައުމުގައި ވެސް ކުރިއަށް ދިޔައީ ބޭރު ގައުމުތަކުގެ ލޯނު އެހީގަ އެވެ.

އަވަށްޓެރި ސްރީލަންކާގެ މިއަދުގެ ހާލަތަކީ ކޮބާ؟

ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވެ އިގްތިސާދު އޮތީ އިނދަ ޖެހިފަ އެވެ. އެންމެ އަސާސީ ޚިދުމަތްތަކަށް ވެސް ފައިސާ ދައްކާނެ ބޭރު ފައިސާ ނެތި އާއްމު ރައްޔިތުން ވަނީ ހާލުގައި ޖެހިފަ އެވެ. ދުވާލަކު 14 ގަޑިއިރަށްވުރެ ގިނައިރު ކަރަންޓު ކަނޑާލަން ޖެހޭއިރު ކާބޯތަކެއްޗާއި ސިއްހީ ހިދުމަތަށް ޖެހިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.

މިހާލަތަށް ދާން ޖެހުނީ ކީއްވެގެން؟

މިނިވަންކަން ލިބުނު ފަހުން އިގްތިސާދު ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓުނުއިރު މިކަމުގެ ފަހަތުގައި އޮތީ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅި ކަމާއި އިހުމާލު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު ސްރީލަންކާގެ އިގްތިސާދުގެ މައި ނާރެހަކަށް ވެފައި އޮތީ ފަތުރުވެރިކަމެވެ. ކޮވިޑް 19ގެ ޕެންޑެމިކްގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަހު ފަތުރުވެރިކަމަށް އެގައުމު ބަންދުކޮށްފައި އޮތްއިރު އެ ދާއިރާއިން ލިބެމުން އައި ބޭރު ފައިސާ އޮތީ ހުއްޓިފަ އެވެ.

އެގައުމުގައި ދެވަނައަށް އެންމެ ބޮޑު އިގްތިސާދީ ސިނާއަތްތައް ކަމަށްވާ ސައިފަތާއި ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއަކީ 22 ބިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާ ހިންގުމަށް ފުދޭވަރުގެ އާމްދަނީއެއް ނޫނެވެ.

ދެވަނަ ކަމަކަށް ބަލާއިރު އުމްރާނީ ތަރައްގީއާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް ސްރީލަންކާ އޮތީ ބޭރުގެ ލޯނު އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. ސަރުކާރުގެ ދަރަނީގެ ގޮތުގައި މިވަގުތު އޮތް 45 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 8 ބިލިއަން އެމެރިކާ ޑޮލަރަކީ ހަމައެކަނި ޗައިނާ ސަރުކާރަށް ސްރީލަންކާއިން ދަރާފައިވާ ދަރަންޏެވެ.

މިއީ ސަރުކާރު ދަރަނީގެ ހަބައިކުޅަ އެއްބަޔަށްވާއިރު ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ ލޯނު ދެއްކުން ފަސްކޮށްދިނުމަށް ޗައިނާ ސަރުކާރުގައި އެދިފަ އެވެ. އެހެން ނަމަވެސް ޗައިނާއިން މިހާތަނަށް ލޯނު ދެއްކުމުގައި އެގައުމަށް އެއްވެސް ލުއި ކަމެއް ދީފައެއް ނުވެ އެވެ.

ދެހާހުގެ ކުރީކޮޅުން ފެށިގެން ސްރީލަންކާއިން ޗައިނާ ސަރުކާރުގެ ލޯނު އެހީގައި އެތައް މަޝްރޫއުތަކެއް ހިންގާފައިވާއިރު މީގެ ގިނަ ތެރެއިން ގިނަ މަޝްރޫއުތަކަކީ ފައިސާ ދައުރު ނުކުރެވޭ މަޝްރޫއު ތަކެއް ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ސްރީލަންކާ މިހާރު މިދެކޭ ތަރައްގީއަކީ އެއްގައުމަކަށް ބަރޯސާވެ ކުރެވުނު ތަރައްގީ އެކެވެ.

ހަމައެއާއެކު ސްރީލަންކާގެ ސަރުކާރުތަކުން އަޅާފައިވާ އިގްތިސާދީ ދޯހަޅި ފިޔަވަޅުތަކަކީ ވެސް މިއަދުގެ ހާލަތަށް ދިއުމަށް މެދުވެރިވި އެއް ސަބަބެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ފާޓިލައިޒާސް ބޭނުންކުރުން މަނާކުރި އިރު މާހިރުން އައީ އެކަމުން ކޮށްފާނެ އިގްތިސާދީ ނުރަނގަޅު އަސަރުތަކުގެ އިންޒާރު ސަރުކާރަށް ދެމުންނެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ 2020 ވަނަ އަހަރު ފެށިގެން އައ އިރު ދަނޑުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން 50 ޕަސެންޓް ދަށަށް ދިއުމެވެ. މިއީ ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަން އޭރުވެސް އަޑިއަޅާލައިފައި އޮތް ލަންކާގެ އިގްތިސާދަށް ކުރިމަތިވި އިތުރު ހީނަރު ކަމެކެވެ.

ސްރީލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު މިއީ މި ކުޑަކުޑަ ރާއްޖެއަށް އެޅި ރަތް އެލާމެކޭ ބުނެވިދާނެ އެވެ. ސްރީލަންކާ ފަދައިން ރާއްޖެއަކީ ވެސް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އިގްތިސާދެކެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް ވިސްނާލައިފި ނަމަ މިއަދު ދިވެހިން މިދެކޭ އުމްރާނީ ތަރައްގީއަކީ ވަކި ގައުމެއްގެ އެހީގައި ހޯދާފައިވާ ތަރައްގީ އެކެވެ. ދެންވެސް ހަމަ ސްރީލަންކާ ފަދައިން އިގްތިސާދުގެ އެެހެން ސިނާއަތްތައް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގައި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.

ސްރީލަންކާގެ ހާލަތުން ދިވެހިންނަށް ލިބުނު ފިލާވަޅަކީ ބޭރު ފައިސާ ހޯދުމުގައި ހަމަ އެންމެ ސިނާއަތަކަށް ބަރޯސާ ނުވުމެވެ. ލިބިގަންނަންވީ އިބްރަތަކީ ތަރައްގީގެ ރާސްތާގައި އެންމެ ގައުމަކަށް ބަރޯސާ ވުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމެވެ. އިގްތިސާދުގެ ހުރިހާ ސިނާއަތްތަކަށް ވެސް ހަމަހަމަ ފުރުސަތުތައް ދޭން ޖެހޭ ކަމެވެ.

އެހެންނޫންނަމަ މިއަދު ސްރީލަންކާ ވެއްޓިފައި އޮތް އިގްތިސާދީ ވަޅުގަނޑަށް މި ރާއްޖެ ވެއްޓުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެނެއް ކަމަކު ދިވެހި ރާއްޖޭގެ އާބާދީއާއި ގުދުރަތީ ވަސީލަތްތައް މަދުކަމާއެކު ދިވެހި ރާއްޖޭގެ ހާލަތު އެއަށްވުރެ ވެސް ގޯސްވުން އެކަށީގެންވެ އެވެ.