ސްރީ ލަންކާގައި އެންމެ ފުޅާ ދާއިރާއެއްގައި ޕެޓް ފުޅި ރީސައިކަލް ކުރާ ކުންފުނި، އީކޯ ސްޕިންޑަލްސް ލިމިޓެޑުން ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ އެހެން މާކެޓްތަކަށް ރީސައިކަލް ކުރުމުގެ އޮޕަރޭޝަން ފުޅާކުރަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ. އީކޯ ސްޕިންޑަލްސް ލިމިޓެޑަކީ ބީޕީޕީއެލް ހޯލްޑިންސް ޕީއެލްސީގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެކެވެ. 2021 ވަނަ އަހަރުގެ ގްލޯބަލް ރިސައިކްލިން ފައުންޑޭޝަންސްގެ ޓޮޕް 10 ރިސައިކްލިން ހީރޯސްގެ ތެރޭގައި އީކޯ ސްޕިންޑަލްސް ލިމިޓެޑް ހިމެނެ އެވެ.

އެ ކުންފުންޏަކީ ސްރީ ލަންކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓް ޕްލާސްޓިކް ފުޅިން އުފެދޭ ކުނި އެއްކޮށް ރީސައިކަލްކުރުމުގައި ފާހަގަކޮށްލެވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިހިގަނޑު ފަދަ ތަކެތި އުފައްދާ ފަރާތްތަކަށް ބޭނުންވާ މޮނޮފިލަމެންޓް އަދި އަންނައުނު އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ޕޮލިސްޓާ ޔާން ފަދަ ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ޕޮލިއެތެލީން ޓެރެފްތަލޭޓް ނުވަތަ ޕެޓް ޕްލާސްޓިކަކީ އާންމުކޮށް ބުއިމަށް ބޭނުންކުރާ ފުޅި، ފޭރާން، ކާބޯތަކެތި ކޮންޓެއިނަރު ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ އަދި ދުނިޔޭގައި އެންމެ ގިނައިން ރީސައިކަލް ކުރެވޭ ޕްލާސްޓިކްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ލަންކާގައި އީކޯ ސްޕިންޑްލްސް އިން ހިންގާ ތިން ފެކްޓަރީ އަކީ ދުނިޔޭގެ ފެންވަރުގެ އަދި ގިނަ އަދަދެއްގެ ޕެޓް ފުޅި އެއްފަހަރާ ރީސައިކަލް ކުރުމުގެ ގާބިލްކަން ލިބިފައިވާ ތިން ފެކްޓަރީ އެވެ. އޭގެ ތެރޭގައި، ޕެޓް ފުޅި ކުދިކުދި ކޮށް އޭގެން ސީދާ ރޮނދި އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މުޅި ދުނިޔޭގެ ވެސް ދެ ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓް ހިމެނެ އެވެ. އީކޯ ސްޕިންޑަލްސް ލިމިޓެޑުން މިހާރު ވެސް ވަނީ ގާތްގަނޑަކަށް 380 މިލިއަން ޕެޓް ފުޅި ރީސައިކަލްކޮށްފަ އެވެ. ގާތްގަނޑަކަށް 60،000 ކިލޯގެ ޕެޓް ފުޅި ކޮންމެ މަހަކު ވެސް، އަންނައުނަށް ބަދަލުކުރެވޭނެ ފަދަ ފެންވަރު ރަނގަޅު ޔާންއަށް ބަދަލުކުރެ އެވެ.

ބީޕީޕީއެލް ހޯލްޑިންސް ޕީއެލްސީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަނުޝް އަމަރަސިންހަ، އޭނާގެ ހިޔާލުތައް ހިއްސާކުރައްވަމުން ވިދާޅުވީ: "ޕްލާސްޓިކް ރީސައިކަލް ކުރުމުގައި ދުނިޔޭގެ ލީޑަރަކަށް ވުމަށް އެދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ތިމާވެށި ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން އަޅުގަނޑުމެން މި އަންނަނީ އަމަލުކުރެވޭނެ އަދި ދިގު މުއްދަތަކަށް ފައިދާކުރާނެ ފަދަ ހައްލުތަކެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން. ހަމަ އެފަދައިން ޕްލާސްޓިކް ފުޅިން އުފެދޭ ކުނީގެ މައްސަލައަށް ހައްލެއް ބޭނުންވާ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ފުޅާކުރެވޭތޯ މި އަންނަނީ ބަލަމުން."

ރާއްޖެ ވެސް ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގިނަ ގައުމުތަކަކަކީ، ރީސައިކަލް ކުރުމަށް އަހައްމިއްޔަތުކަން ދޭ ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް ގާއިމްކުރެވިއްޖެ ނަމަ އިގްތިސޯދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ފައިދާ ކުރާނެ ގައުމުތަކެކެވެ. އީކޯ ސްޕިންޑަލްސް ލިމިޓެޑްގެ ރީސައިކަލް ޕްލާންޓްތަކުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރާ ގައުމުތަކުގެ އިގްތިސޯދީ ގޮތުން ބޮޑު ފައިދާއެއް ލިބުމުގެ އިތުރަށް، އެކަން ވެގެންދާނީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭ ބޮޑު ރައުސުލްމާލަކަށެވެ.

ސްރީ ލަންކާއެކޭ އެއްފަދައިން، އީކޯ ސްޕިންޑަލްސް ލިމިޓެޑްގެ އޮޕަރޭޝަންތަކުން ރާއްޖެއަށް ވެސް ފައިދާކުރާނެ އެވެ. އެގޮތުން، ޕްލާސްޓިކް ރަނގަޅަށް ނައްތާލެވިއްޖެ ނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމު ވަސީލަތެކެވެ. އަދި އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވެސް އެހާމެ މުހިންމު ވަސީލަތަކަށް ވެގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އީކޯ ސްޕިންޑަލްސް ލިމިޓެޑަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ސްރީ ލަންކާގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީ އާއި ތަޖުރިބާ ރާއްޖެއަށާއި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ތައާރަފުކުރުމަށް ޝައުގުވެރިވާ ކުންފުންޏެކެވެ.