ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ ބަންގްލަދޭޝްގެ މީހަކު މިއަދު މަރާލައިފި އެވެ.

އެ މީހާއަށް ހަމަލާ ދީފައި ވަނީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓް ތެރޭގަ އެވެ.

ޕާކިސްތާންގެ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަމުންދާ އެ ރެސްޓޯރަންޓްގައި މަރާލީ ބަންގްލްދޭޝް މީހެކެވެ. އޭނާ މަރުވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އެ ހަމަލާގައި ޒަހަމްވި މީހާ އެ ރެސްޓޯރެންޓުން ނެރުނުއިރު ވެސް އޮތީ މަރުވެފަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ބިދޭސީ މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން އެ މީހާގެ ކަރަށާއި ބޮލަށާއި އުނަގަނޑަށާއި ބަނޑަށް ވަޅި ހަރާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ހަމަލާދޭ ބޭނުންކުރީ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެ ހާދިސާގައި މަރުވި މީހާއަކީ އެ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އެ ހަމަލާދިނީ އެ ރޯސްޓަރަންޓުގައި ޕާކިސްތާނުގެ މީހެއް ކަމަށްވެ އެވެ. އޭނާ މަރާލުމުގައި އެތަނުގައި ދެން ތިބި ޕާކިސްތާންގެ އިތުރު މީހުންގެ ބައިވެރިވުން އޮތް ކަމަށް މަރާލި މީހާގެ ރަހްމަތްތެރިން ތުހުމަތު ކުރެ އެވެ.

ހާންޖީ ރެސްޓޯރަންޓު ހިމެނޭ މަގު ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ފޮރެންސިކް ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ރެސްޓޯރެންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.