މާލޭގެ އެކި ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

މީގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު ވެސް ހިމެނެ އެވެ. އަދި ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ވެރިޔާއަށް ވެސް ފުލުހުން ވަނީ އެ އެންގުން އަންގާފަ އެވެ.

ފުލުހުން ލިޔުމުން ގޭގެއަށް ފޮނުވި އެންގުންތަކުގައި ވަނީ އެ ބެނާތަކުގައި އާންމުކޮށް ފެންނާނެހެން އިންޑިއާ އައުޓް ޖަހާފައިހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ އަމަލެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

އަދި އެކަމުގެ ނަތީޖާއެއްގެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުންވެދާނެކަމަށް ފުލުހުންގެ އިދާރާއިން ދެކޭ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެއީ ފިތުނަވެރި އަމަލެއް ކަމަށެވެ.

އިންޑިއާ އައުޓް ބެނާ ހަރުކުރުމަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ހަ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއް ކަމުގައި ބެލެވޭ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.