އެއްވެ އުޅުމުގެ މިނިވަންކަން ހަނި ނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ގާނޫނުތަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ގާނޫނުއަސާސީގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ކަމަށްވެސް މައްސަލައިގައިވެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވަނިކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާ ކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެ ގަރާރު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށްވެސް މައްސަލައިގައިވެ އެވެ. އެއްވެ އުޅުމުގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފެހެއްޓޭނެ ހައްގަކަށް ނުވާތީ ރައީސް ނެރުއްވި ގަރާރުގައި އެކުލަވާލާފައިވަނީ އެއްވެ އުޅުމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށްވެސް މައްސަލައިގައިވެ އެވެ. ރައީސްގެ ގަރާރުގައި ފުލުހުންނާއި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަންގަވާފައިވާ އެންގެވުމަކީ އެއްވެ އުޅުމުގެ މިނިވަންކަން ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގައި ބުނެފައިވެ އެވެ. އެހެންވެ ކުއްލި މައްސަލައިގައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރިޔާސަތުން ވޯޓަށް އެހުމުން އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ.