ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދު ބަރަހަނާ ހާލުގައި މާލެ ސަރަހައްދުގެ މޫދުގައި އޮއްވާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި އާއްމު މަސްލަހަތާއި ގުޅުން ހުރި އަމަލެއް ކުރިކަމުގެ ތުހުމަތުގައި 40 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ. މިމައްސަލަ މިހާރު ތަހްގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެ އެވެ.

ބަރަހަނާ ހާލުގައި އޮއްވާ ހައްޔަރުކުރި ޒިޔާދު މީގެ ކުރިން ވަނީ ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުށް ކުޑަކަމުގޮސްފަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި ނަމަވެސް އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލީ އެވެ. އޭގެ ފަހުން މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރި އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖެހި އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އޭނާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމުގަ އެވެ.