މާލެއަށް މިރޭ ބޯކޮށް ވާރޭވެހި ބޮޑު ބައެއްގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.

މިރޭ ގާތްގަނޑަކަށް 10:45 ހާއިރުން ފެށިގެން ވެހެން ފެށި ވާރޭގައި އާއްމުކޮށް މާލޭގައި ފެންބޮޑުވާ މާޖީދީމަގާއި އަމީނީމަގާއި ބުރުމަގާއި ކަނބާއިސާރަނި ހިނގުމުގައި ފޫޓަށް ވުރެ ބޮޑަށް ފެންބޮޑުވެފައިވެ އެވެ. އަދި ދަންވަރު 12 ޖެހިފަހުން ވާރޭ ހުއްޓާލިއިރު ބޮޑު ބައެއްގައި ފެންބޮޑުވެ ބައެއް ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

ބޯކޮށް ވާރޭހި މާލޭގެ މަގެއްގައި ފެންހެދިފައި. ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގޭގެއަށާއި ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އިން ވީއެންމެ އަވަހަކަށް އެހީތެރިވުމަށް ޑރ. މުއިއްޒު ގޮވާލައްވާފައިވެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ސަރުކާރަށާއި ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ މާލޭގައި މިހާރު ވެސް ފެންބޮޑުވަނީ ޑރ. މުއިއްޒުގެ ސަބަބުންތޯ ސުވާލުކޮށްފަ އެވެ. އަދި މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ ސިޓީ ކައުންސިލަށާއި މޭޔަރު ޝިފާ މުހައްމަދަށް ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ހެދިފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިހާރު އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ޓުވީޓު ކުރައްވާފައިވެ އެވެ.

ޝަމާލް ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ފެންބޮޑުވެ ރައްޔިތުންނަށް ގެއްލުންވަމުންދާތީ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭހި މާލޭގައި ފެންހެދިފައިވާ މަގަކުން މީހަކު ހިނގާފައި ދަނީ. ފޮޓޯ: ސޯޝަލް މީޑިއާ

މޯލްޑިވްސް މީޓިއޮރިޖިކަލް ސާވިސް އިން މިރޭ 11:45 ން 3:45 އަށް ވަނީ ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެވެ.

އެ އިދާރާއިން ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.