ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތްއިން އެސްޓީއޯއާއި ހަވާލުކުރި ޕްރޮޖެކްޓް ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީ އާއި ހަވާލު ކޮށްފި އެވެ.

މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީސް ގައި މިއަދު ބޭއްވި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ އެލްތް މިނިސްޓަރު އަހުމަދު ނަސީމާ 96 ވަނަ އެމްބިއުލާންސް ހަވާލުކުރައްވައިފަ އެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީން އެސްޓީއޯ އާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 10 ގަ އެވެ. އެ ދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާ ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.

"ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށް މި ސަރުކާރުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި މިކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވޭ ކަމީ މިކުންފުންޏަށް ލިބިގެންދާ ވަރަށް ވެސް ބޮޑު އުފަލެއްކަމުގައި ފާހަގަ ކޮށްލަމެވެ." އެސްޓީއޯ އިން ބުންޏެވެ.