ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓު ހޯދުމަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ވިއޮން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އަދި ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޮ އީވާ އަބްދުﷲ އެވެ.

ވިއޮން އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެތެރޭގެ އިންތިޚާބުތައް ބާއްވަމުން އަންނަ ޕާޓީއެއް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް އޮންނަ ކަން ފާހަގަކުރެއްވި އެވެ. ޕާޓީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އިހްތިޔާރު ޕާޓީގެ މެމްބަރުންނަށް ލިބޭ ކަމަށާއި އަދި އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ކުރިމަތިލައްވާނެކަން ވަރަށް ޔަގީންކަމާއެކު ކަށަވަރުކޮށްދެއްވި އެވެ.

"އެމެރިކާ އަށް ބަލައިފި ނަމަ، ފެންނާނެ އަމިއްލަ ޕާޓީގެ ތެރެއިން އެކަކު އަނެކަކަށް ހަޅޭއްލަވައި ހަދާ ތަން. އެންމެ ފަހުން މީހަކު ކަނޑައެޅެނީ އެކަމުގެ ތެރެއިން. ދެން އެމީހަކު އެ ދަނީ ގައުމު ހިންގުމާ. އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ ޕްރައިމަރީގައި ބައިވެރިވާނެ ކަން. އަދި އަޅުގަނޑަށް އުންމީދު އެބައޮތް ކާމިޔާބު ހޯދޭނެ ކަމުގެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެ ކަ،މުގެ ޔަގީންކަން ދެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ޕާޓީ އާއި ގައުމުގެ ފައިދާއަށް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ކުރައްވާ ނަޝީދު ވިދާޅުވި އެވެ.