ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ.

އެމަނިކުފާނު އިމާމުވެ ކުރެއްވި ހުކުރުގައި ހުތުބާ ވިދާޅުވަމުން ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ފުށުން މީހުންނަށް ފުރައްސާރަ ކުރިމަތިވެ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިނދު މާތްﷲގެ ހަޟްރަތުން ހިތްހަމަޖެހުމަކަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ. އަދި ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެތަބާ ވަނީ އޭނާގެ ހަވާނަފްސަށް ކަމަށާއި އެފަދަ ހާލުގައި އެމީހަކަށް އާޚިރަތުގައި ވެސް އަމާންކަން ނުލިބޭނެ ކަމަށް ހުތުބާގައި ޝާހިދު ވިދާޅުވި އެވެ.

"މުސްލިމުންނަކީ ސުލްހައަށް ލޯބިކުރާ ބައެއް. އައްސަލާމް އަކީ މާތްﷲގެ މަތިވެރި އިސްމުފުޅެއް. މުސްލިމުން އެމީހުންގެ ދިރިއުޅުމުގައި ގަދައަޅައި މަސައްކަތް ކުރަނީ އެމީހުންގެ ވަށައިގެންވާ މީހުންގެ މެދުގައާއި މާހައުލުގައި ސުލްހައާއި އަމާންކަން ފެތުރުމަށް،" ހުތުބާގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ހުތުބާގައި ވިދާޅުވީ ލީޑަރެއްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މާފު ކުރުމާއެކު ކުރިމަގަށް ވިސްނާ އަނެކުންގެ މައްޗަށް ރަހުމު ކުރުމުގެ ގާބިލްކަން މީހާގެ ކިބައިގައި ހުރުން ކަމަށާއި ހާއްސަކޮށް ތިމާއާ ދެކޮށް ނޭއްގާނި އަމަލުތައް ހިންފައިވާ މީހުންނާއި މެދު ހިތްތިރި ކުރުން ކަމަށެވެ

ޝާހިދު ދެއްވި ހުތުބާގައި ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަންގަވާ ވިދާޅުވީ ކީރިތި ރަސޫލާ މައްކާގައި ދިރިއުޅުން ދަތިކޮށް އެކަލޭގެފާނު މައްކާއިން ބޭރު ކުރުމުން 400 އެތައް ކިލޯމީޓަރެއް ކަޑައްތުކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށެވެ.

"މަދީނާގެ ރަށްވެހިން އިންތިޒާރު ކުރަމުން ދިޔައީ އެކަލޭގެފާނު ވަޑައިގެން މަދީނާގެ ރަށްވެހިންނާއި މުހާތަބު ކުރައްވައި އެންމެ ފުރަތަމަ ވިދާޅުވާނެ ބަސްފުޅަކަށް. އެބައިމީހުން ހިތާއިހިތާއި ސުވާލު ކުރަމުން ދިޔައީ އެކަލޭގެފާނު ވިދާޅުވާނީ ބަދަލު ހިއްޕެވުމުގެ ވާހަކައެއްތޯ ނުވަތަ އެކަލޭގެފާނު އަމިއްލަ ވަޒަން ދޫކުރައްވައި ހިކުރަކުރެއްވުމަށް މަޖުބޫރުކުރެވި ވޭނާއި އަނިޔާއި ހިތްދަތިކަމުގެ ވާހަކަތޯ،" ޝާހިދުގެ ހުތުބާގައި ވިދާޅުވި އެވެ.

މިއަދުގެ ހުކުރު ނަމާދުގައި އިސްލާމީ ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެ ގައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި، އދ. ގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.