މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރައްދުގައި މޭޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން ނުބޭއްވެނެ ކަމަށް އެންގުމަށްފަހު، އެހެން ސަރަހައްދެއްގައި ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފި އެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން އިންތިޒާމްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއި ފުލުހުން އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ، ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީ ހިނގާލުމަށް ހުއްދަ ނުދޭން ނިންމާފަ އެވެ.

ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ގާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ހިނގާލުން އިންތިޒާމްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެ ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި އެވެ. އަދި ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެކަމަށް ވެސް އެ ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވިދާޅުވީ އޭގެފަހުން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއެކު، އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން މިހާރު ދީފައިވާ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. އެ ދުވަސް ރާއްޖޭގައި ވެސް އަންނަނީ ފާހަގަކުރަމުންނެވެ.