މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބުނު ރިސޯޓުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ކޮންމެ މަހަކު ވެސް އެންމެ މަތިން ސާވިސް ޗާޖު ބަހާ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާއިން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 2،706.73 ޑޮލަރު (41،737ރ) ބަހާފައިވެ އެވެ.

ނ. އަތޮޅުގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެ ރިސޯޓަކީ އާއްމުކޮށް އެންމެ ގިނައިން ސާވިސް ޗާޖު ބަހާ ރިސޯޓެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) ބަހާފައިވެ އެވެ.

އެ ރިސޯޓުގެ އިތުރުން މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ވެސް ނ. އަތޮޅުގައި ހިންގާ ރިސޯޓަކުންނެވެ. ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،383 ޑޮލަރު ބަހާފައިވެ އެވެ. ތިންވަނަ އަށް އެންމެ ބޮޑު އަދަދެއް ބެހީ ފޯ ސީޒަން ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް 1،946.18 ޑޮލަރު ބަހައިފަ އެވެ.

މިދިޔަ މަހު 3،000 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގެ އަދަދެއްގެ ސާވިސް ޗާޖު ބަހާފައި ވަނީ 8 ރިސޯޓަކުންނެވެ. އަދި 15،00- 1،000 ޑޮލަރާ ދެމެދުގެ އަދަދެއް 14 ރިސޯޓުން ބަހާފައިވެ އެވެ.

ޓޫރިޒަމްގެ ހައި ސީޒަން ނިމުނު ނަމަވެސް، ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީގެ ބޮޑު ބައެއް ފުލްވެފައިވާ ކަމަށްވެ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.