މިއަހަރު ބާއްވަން ކުރިން ތާވަލް ކުރި ލޯކަލް ކައުންސިލް އިންތިޚާބު، އަންނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ އިންތިޚާބު އިއުލާން ކުރަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށާއި މިހާރު ޝެޑިއުލް ކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އޭގެ ކުރިން ރޯދަ މަސް އެބައާދޭ. އިންތިޚާބެއް ރޯދަ މަހު ގެންދިއުމަކީ އެއީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް. އަދި އިންތިޚާބުގައި ވޯޓް ލުމަށާއި ކެމްޕޭން ކުރުމަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ލަފާކޮށް އަޅުގަނޑުމެން ރޯދަ މަހުގެ ކުރިން އިންތިޚާބުގެ ނަތީޖާ ފާޅުކޮށް ނިންމަން އެ ތާރީޚަށް ޝެޑިއުލް ކޮށްފައި މިވަނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ބުނާ ގޮތުން އިންތިޚާބު ބާއްވާ ނިންމަން ޖެހެނީ އެ ގާނޫނު ތަސްދީގު ކުރިތާ އެއްއަހަރު ދުވަސް ތެރޭގައި ކަމަށެވެ. އެހެންކަމުން އިންތިޚާބު ބާއްވާ ނިންމަން ޖެހޭނީ މެއި މަހުގެ ތެރޭގައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަދި ކޮމިޝަނުގައި ވަކި ގޮތަކަށް ނިންމީއެއް ނޫން. އެ ނިންމުން ނިންމާނީ ިސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާނުކުރާތާ އެ މުއްދަތުގައި އަޅުގަނޑުމެން އެ ގާނޫނުގައި އޮންނަ ތާރީހު އިއުލާނުކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައި، ކެމްޕޭނާއި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، އީސީގެ ވިސްނުން ހުރީ ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުން ކަމަށެވެ. އަދި އިންތިހާބު ބާއްވާނީ، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ގާނޫނުން ދިނުން ލާޒިމުކުރާ 28 ދުވަސް ދިނުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލި އެވެ.

ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެއީ އެންމެ ފުރަތަމަ އެ އިންތިހާބަށް ކަނޑައެޅި ބަޖެޓަށްވުރެ 31.5 މިލިއަން އިތުރުވުމެކެވެ. މިއަހަރު އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރި އެ އިންތިހާބަށް ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.