ޔޫރަޕްގެ އިތުރު ގައުމުތަކުން ރާއްޖެއިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު ޝާހިދު ދައުވަތު ދެއްވައިފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް އެ ގައުމުތަކަށް ދިޔުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައި ވާތީ ޖަރުމަންވިލާތާއި، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާ އާއި އިޓަލީވިލާތުގެ ސަރުކާރުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޔޫރަޕްގެ އިއްތިހާދާއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާއި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19ގެ ހާލަތުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ ޔޫރަޕިއަން ޔޫނިއަން އިން ދިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ހަމައެއާއެކު، ފުރަތަމަ ފަހަރަށް އީޔޫގެ ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ޚާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަމައެއާއެކު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދާދިފަހުން ދިންކަން ފާހަގަކުރައްވައި، އެކަމަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ، ޔޫރަޕްގެ ގައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.