އިމްތިހާނުތަކަށް ތައްޔާރުވާ ދަރިވަރުންނާއި، ގިނަ ވަގުތު މަސައްކަތްކުރާ މީހުންގެ މެދުގައި ވަރުބަލިކަން ފިލުވާލުމަށް އެނާޖީ ބުއިންތައް ބުއިމަކީ ވަރަށް އާންމު ކަމެކެވެ.
ނަމަވެސް، މިނަށްވުރެ ގިނައިން ގަވާއިދުން މިފަދަ ބުއިންތައް ބޯނަމަ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ކިޑްނީއަށް އިއާދަ ނުކުރެވޭފަ ދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ކިޑްނީގެ ހާއްސަ ޑޮކްޓަރުން އިންޒާރު ދެއްވައިފި އެވެ.
ޗެންނާއީގެ ކާވޭރީ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ނެފްރޯލޮޖިސްޓް ޑރ. ޓީ އެސް ހަރްޝަވަރުދަން ވިދާޅުވި ގޮތުގައި، އެނާޖީ ބުއިންތަކުގައި ގިނައިން ހުންނަ ކެފެއިން، ހަކުރު އަދި އެހެނިހެން އުފެއްދުންތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ހަށިގަނޑުން ފެން މަދު ވުމަށް މަގުފަހިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކިޑްނީއަށް ޖެހެނީ އާދަޔާ ހިލާފަށް ބުރަކޮށް މަސައްކަތް ކުރާށެވެ.
އެނާޖީ ބުއިންތަކުން އެންމެ ބޮޑު ނުރައްކާ އޮތީ ކޮން ބަޔަކަށް؟
އެނާޖީ ބުއިންތައް ބުއިމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހެނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެ އިތުރުން:
- ކިޑްނީގެ ބަލިތައް ހުންނަ މީހުން: މާޒީގައި ކިޑްނީގެ މައްސަލަތައް، ހަކުރުބަލި، ލޭމައްޗަށް ދިއުން، ނުވަތަ ކިޑްނީގައި ހިލަ އުފެދުމުގެ ތާރީހެއް އޮތް މީހުން.
- ކުޑަކުދިންނާއި މާބަނޑު އަންހެނުން: މިއީ އެއްގޮތަކަށް ވެސް އެނާޖީ ބުއިންތައް ބޮއެގެން ވާނެ ބައެއް ނޫނެވެ.
- ގަދައަށް ކަސްރަތުކުރާ މީހުން: ކަސްރަތު ކުރުމަށްފަހު ހަށިގަނޑުން ފެން މަދުވެފައި ހުންނަ ވަގުތުތަކުގައި އެނާޖީ ޑްރިންކް ބުއިމުން ކިޑްނީއަށް ދޭ ގެއްލުން ދެގުނަވެގެންދެ އެވެ.
އެނާޖީ ޑްރިންކް ބޮވޭ މިންވަރު ގިނަކަން ހާމަވާ އަލާމާތްތައް
ގިނައިން އެނާޖީ ޑްރިންކް ބުއިމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުން، އަނގަ ހިކުމާއި، ބޯއެނބުރުން އަދި މާބޮޑަށް ވަރުބަލިވުން ފަދަ އަލާމާތްތައް ފެންނަން ފަށާނެ އެވެ.
ދުވާލަކު ބޮވޭނެ ރައްކާތެރި މިންވަރަކީ ކޮބާ؟
ޑޮކްޓަރުން ފާހަގަ ކުރައްވާ ގޮތުގައި، ކޮންމެ އުފެއްދުމަކުން ހަށިގަނޑަށް އެތެރެވި ކަމުގައި ވިޔަސް ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
އެނާޖީ ބުއިންތަކަކީ އެއްގޮތަކަށްވެސް ފެނުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކިޑްނީގެ ދުޅަހެޔޮ ކަމަށް ދުވާލަކު ދެ އާއި ތިން ލީޓަރާ ދެމެދުގެ މިންވަރަކަށް ފެން ބުއިން މުހިންމު ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.
އަބަދު ވަރުބަލިކަން އިހުސާސްވާނަމަ، އެނާޖީ ބުއިންތައް ބުއިމުގެ ބަދަލުގައި އަރާމު ނިދި ހޯދުމަށާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވަ އެވެ.
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!