ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމަކީ މުޖުތަމައުގެ ތެރޭގައި ހުމާއި ރޯގާ ފެތުރޭ މޫސުމެކެވެ. ބަލިތައް އާއްމުވާ މި ދުވަސްވަރުގައި ތިމާ އާއި ތިމާގެ އާއިލާ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މި ކެއުންތައް ކެއުން ރަނގަޅުވާނެ އެވެ.

ކަރާ

ކަރައަކީ ހަށިގަނޑަށް ތާޒާކަން ގެނުވައިދޭ މޭވާއެއްގެ އިތުރުން ގްލުޓަތިއޯން ނަމަކަށް ކިޔާ އެންޓި އޮކްސިޑެންޓެއް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. މި މާއްދާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެކެވެ.

ބްރޮކޮލީ

ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މި ތަރުކާރީއަކީ ވެސް އެންޓި އޮކްސިޑެންޓްގެ ގިނަ މާއްދާތަކެއް ހިމެނޭ ތަރުކާރީއެކެވެ. ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުން ނަމަ ބްރޮކޮލީ ނާސްތާގައި ހިމަނާށެވެ.

މަޝްރޫމް

މަޝްރޫމްއަކީ ފައިބާ އާއި ޕްރޮޓީންގެ އިތުރުން އެންޓި އޮކްސިޑެންޓްސް ވަރަށް ގިނައިން އެކުލެވޭ ބާވަތަކަށްވުމާއެކު ހަށިގަނޑުގެ ދިފާއީ މިޒާމު ވަރުގަދަ ކޮށްދިނުމަށް މަޝްރޫމް އެހީވެދެ އެވެ. މީގެ އިތުރުން އެއީ ކެންސަރާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކުން ވެސް ދުރުކޮށްދޭ އެއްޗެކެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަކަށްވާއިރު، އާއިލާގެ ސިއްހަތަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ އެންމެ ރަނގަޅު ކަމަކީ ކެއިން ބުއިމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ޚިޔާރު ކުރުމެވެ.