ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށާއި އެކަން ކުރުން އަދި ލަހެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މަޖިލީސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ލަހެއްނުވާ ކަމަށާއި މިހާރުވެސް ޖޭއެސްސީ ހިނގަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ފަނޑިޔާރުގެތަކަށް މިހާރު ނުފޫޒު ނުފޯރާ ކަމަށާއި މީގެ ކުރިން އޮތް ފަދައިން ޖޭއެސްސީ އާއި ފަނޑިޔާރުންނާމެދު ގުޅުންތަކެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ކުރާނެ ކަމެއް ކަމަށާއި އަދި އެކަން ނުވެ ނެތް ކަމަށެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން އަޅުގަނޑަށް ފެންނަ ގޮތުގައި ލަހެއް ނުވޭ. އެއީ އެމްޑީޕީގެ ވައުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭ އަކަން ކުރާނެ،" ޖޭއެސްސީގެ ފޯމޭޝަން ބަދަލު ނުކޮށް ލަސްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ، ރައީސް ނަޝީދު ވިދާޅުވީ، އެ ވައުދު ތަންފީޒު ވާނެކަމީ "އެއްވެސް ހާލެއްގައި ޝައްކެއްވެސް" އޮތް ކަމެއް ނޫން ކަމަށެވެ.

"މަޖިލިސް ރައީސް އާއި ސިވިލް ސާވިސްކޮމިޝަންގެ ރައީސް ޖޭއެސްސީގައި އިނުމަކީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ، ގާނޫނުއަސާސީއަށް 12 އަހަރު ވެގެންދާއިރު މިއީ އަޅުގަނޑުމެން ނާހަންވީ ސުވާލެއް ނޫން. އެހެންވެ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ހިމެނޭ، އެކަން ހިމެނުއްވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އޮތް ޖޭއެސްސީން ކުރަނީ ވަރަށް ހަރުދަނާ މުހިންމު މަސައްކަތްތަކެކެވެ. އެހެން ނަމަވެސް އެކަމާ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ޝަރޫއީ ދާއިރާ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ބައެއް ބޭފުޅުން ފަނޑިޔާރުންނާ މީގެ ކުރިން ބެހެއްޓެވި ގުޅުންތައް، ނުބެހެއްޓެވޭތީވެ، ނުވަތަ އެ ގުޅުންތައް ގެއްލި ދިޔާއިމަ، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަންނާނެ އުފެދިގެން. އެކަމާ ކުރެވޭނެ ކަމެއް ނޫން އެއީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ވަނީ މިހާތަނަށް ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް ބަލައި، ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންނާއި ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށްވެސް ފޮނުވާފަ އެވެ. މަޖިލީހަށް ފޮނުވުމާ ހިސާބުން އެއިން ކޮންމެ ފަނޑިޔާރެއް ވެސް ދަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަމުންނެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނެ ކަމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. އެހެން ނަމަވެސް ވެރިކަމަށް އައިސް އެކަން އެއްވެސް ވަރަކަށްކޮށްފައި ނުވެ އެވެ. ދާދި ފަހުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު މަޖިލީހަށް ބިލެއް ހުށަހެޅުމުން އެމްޑީޕީ މެމްބަރުން ވަނީ އެ ބިލް ބޭރުކޮށްލާފަ އެވެ.

ސަރުކާރުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފަ އެވެ.