ގދ. ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައިފި ނަމަ އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރަސްއެޅޭނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާ ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި އާންމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސަރުކާރުން ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވައުދުވެފައިވާތީ، ޔާމީންގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެތޯ އާންމުންގެ މީހަކު ސުވާލުކުރި އެވެ.
ތިނަދޫގައި ބޭއްވި މި ޖަލްސާގައި ޔާމީން ވިދާޅުވީ، ބްރިޖު އެޅުމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު ދޫކޮށްލައްވަނީ ރައްޔިތުންނަށް ކަމަށެވެ. އަދި ތިނަދޫ ފަޅު ތެރޭގައި ތިން ނުވަތަ ހަތަރު ރިސޯޓު ހެދޭނެ ޖާގަ އޮތްއިރު، ކާޑެއްދޫއަކީވެސް ރިސޯޓެއް ނުވަތަ ގެސްޓްހައުސްތައް ތަރައްގީކުރެވިދާނެ ގުދުރަތީ ގޮތުން މުއްސަނދި ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް ދެ ރަށް ބްރިޖަކުން ގުޅާލުމުން ފަތުރުވެރިން ބޭނުންވާ އެކަހެރިކަމާއި މިނިވަން މާހައުލަށް ބުރޫއަރައި ފަތުރުވެރިކަމަށް އުނދަގޫތަކެއް ވެދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ރައްޔިތުންގެ ދަތުރުފަތުރަށް ބްރިޖުން ފަސޭހަވީ ނަމަވެސް، ފަތުރުވެރިކަން ހިންގަން ބޭނުންވާ ނަމަ އެއީ ވިސްނާލަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ތިނަދޫގެ ބޮޑު އަގުލަބިއްޔަތަކުން ބްރިޖު ބޭނުންވާ ކަމަށް ނިންމައިފި ނަމަ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ބްރިޖު އަޅައިދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކޮށްފި ނަމަ އަށާރަ ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އުމުރުން 45 އަހަރުގައި ކަރީނާ ތިންވަނަ ދަރިފުޅަށް ބަނޑު ބޮޑު؟
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ
ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލައިފި
