ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ ރައީސް އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިހް ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ މިދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ އާ ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ޔޫއޭއީގެ ކުރީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި މަރުހޫމުގެ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް އެމަނިކުފާނުގެ ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވި އެވެ.