ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ޖަމީލް ވަކިކުރަން 2015 ވަނަ އަހަރު މަޖިލީހުން ނިންމި މައްސަލަ ޖަމީލްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޖަމީލް ވަކިކުރަން މަޖިލީހުން ނިންމީ އިންސާފުގެ ހަމަތަކާ ޚިލާފަށް އަދި ގާނޫނު އަސާސީއާ ވެސް ޚިލާފަށް ކަމަށެވެ. އެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ގަވާއިދު 30 މިނެޓް ތެރޭގައި ބަދަލުކޮށް، ކޮމެޓީ މަރުހަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ޖަމީލަށް ލިބިވަޑައިނުގަންނަވާ ގޮތަށް ގަވާއިދު ހަދާފައިވާ ކަމަށާއި އަދި ވަކީލުންގެ އެހީތެރިކަން ވެސް ނުލިބޭނެ ގޮތަށް މަޖިލީހުން ހެދި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޖަމީލް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެ މައްސަލަ ހިނގަން ފެށުމުން ވަކީލަކު މެދުވެރިކޮށް ނުވަތަ ބަޔާނެއް މެދުވެރިކޮށް ޖަވާބުދާރީވާން ޖަމީލް މަސައްކަތް ކުރެއްވި ކަމަށާއި އެކަމަށް މަޖިލީހުން ހުރަސް އެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖަމީލް އަމިއްލަފުޅަށް މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންވަނީސް ޖަވާބުދާރީވުމުގެ ފުރުސަތު މަޖިލީހުގެ ޖަލްސާގައި ވެސް ނުލިބޭނެ ކަމަށް މަޖިލީހުން އިއުލާން ކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަސްއޫލިއްޔަތު އަދާ ނުކުރުން ފަދަ ސަބަބުތައް ދައްކައިގެން ޖަމީލް ވަކިކުރަން މަޖިލީހަށް އަމިއްލައަށް ނުނިންމޭނެ ކަމަށެވެ. ނައިބު ރައީސުންނާ މަސްއޫލިއްޔަތު ހަވާލުކުރަނީ ރައީސް ކަމަށާއި އަދި ޖަމީލް އެއްވެސް މަސްއޫލިއްޔަތެއް އަދާ ނުކުރެއްވި ކަމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ގޮތަކަށް ހާމަ ކުރައްވާފައި ނުވާތީ ޖަމީލް ޒިންމާ އަދާ ނުކުރައްވާ ކަމަށް މަޖިލީހަށް އަމިއްލައަށް ނުނިންމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެދިވަޑައިގަތީ ޖަމީލް ވަކިކުރާ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ނިންމައި ދިނުމުގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެ މައްސަލާގައި މަޖިލިސް ތަމްސީލުކުރާ ފަރާތެއްގެ ގޮތުން އޭޖީ އޮފީހުގެ ވަކީލުންނަށް ނުތިއްބެވޭނެ ކަމަށާއި މަޖިލީހުން ކޯޓުގައި ތަމްސީލު ކުރަންޖެހެނީ އަމިއްލައަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އޭޖީ އޮފީހަށް މަޖިލިސް ތަމްސީލު ކުރެއްވޭނެ ކަމަށެވެ.

ދައުލަތުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި މަޖިލީހުގެ ނިންމުންތައް ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުން ކޯޓަކަށް ބެލޭނީ ރައީސަކު ވަކިކުރުމާ މެދު ސުވާލު އުފެދޭ މައްސަލަތައް އެކަނި ކަމަށާއި ނައިބު ރައީސުންގެ ވާހަކަ އޭގެ ތެރޭގައި ނުހިމެނޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުތަކާ މެދު ސުޕްރީމް ކޯޓުން ފަހު ބަސް ބުނަންޖެހޭ ގޮތަށް 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަށް ވެސް ވަރުގަދަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެފަދަ މައްސަލައެއް ކޯޓަކަށް ބެލިދާނެތޯ އާއި އެފަދަ ދުސްތޫރީ މައްސަލައަކަށް އެ މައްސަލަ ވަނީ ކިހިނެތްތޯ އާއި އެފަދަ މައްސަލައެއްގައި ބަދަލު ނަގައި ދެވެނީ ކިހިނެތްތޯ އާއި ގާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުން އެފަދަ ކަމެއްގައި އަމަލުކޮށްފި ނަމަ ދެން ހަދާނީ ކިހިނެތްތޯ ވެސް ސުވާލު ކުރެއްވި އެވެ.

ޖަމީލް ވެސް ބައިވެރިވެ ވަޑައިގަތް އެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އަދި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ޖަމީލް އެދިވަޑައިގަތުމުން ފަހުން އެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.