މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު އެ ރަށަށް ވަޑައިގެންފި އެވެ.

ރައީސް އެ ރަށަށް ވަޑައިގެންނެވި ވަގުތު ބޯޓު ޖައްސަންދިޔަ ވަގުތުގެ ވީޑިއޯއެއް ވެސް ޓުވީޓް ކުރައްވާފައިވެ އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކުރި ފަހުން މީހުން ދިރިއުޅޭ ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވައިދެއްވުމަށް އެ ރަށަށް ވަޑައިގެންނެވިއިރު، މެންދުރުގެ ހޫނުގަދަ ވަގުތު ގިނަ އަދަދެއްގެ ރައްޔިތުންނާއި ސްކޫލް ކުދިން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތިއްބެވެ.

އެއާޕޯޓް ހުޅުވުން އޮތީ މެންދުރު ފަހެވެ.

ރައީސް ސޯލިހު ހޯރަފުއްޓަށް މިއަދު ވަޑައިގަތުމުން އެ ރަށު މީހުންނާއި ސްކޫލް ކުދިން މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ރައީސް ސޯލިހު ހޯރަފުއްޓަށް މިއަދު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.

މީހުން ދިރިއުޅޭ ރަށަކަށް އެންމެ ފަހުން ރައީސް ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކ. ތުލުސްދޫއަށެވެ.