2023ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށްވުރެ އިސްކަން ދެއްވަނީ އިންޑިޔާ ސިފައިން މިގައުމުން ބޭލުމަށް ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ 2023ގެ އިންތިހާބަށްވުރެ ކުރިން ޝަޢުގުވެރިކަމާއެކު އިސްކަންދެއްވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އިންތިހާބާ ހަމައަށް ދެވޭނީ އެހާއިރަށް ވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ބީވެނުދީ ހިފަހައްޓަން ޖިހާދުކޮށްގެންކަމަށާއި، އެންމެ ފުރަތަމަ ޝައުގުވެރިކަން ބާއްވާންވީ އިންތިހާބުގެ ބަދަލުގައި އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކީއްވެގެންތޯ ރައްޔިތުން 2023 އަށް މިހާ ޝައުގުވެރި ވަނީ, އެއަށްވުރެ ރައްޔިތުންނަށް ކަންބޮޑުވެފައި އޮތީ އިންޑިއާގެ އަސްކަރިއްޔާ އޮތުންތޯ, އެހެންވެއްޖެއާ ކީއްކުރަންތޯ އަޅުގަނޑުމެން 2023 ގެ ވާހަކަ ދައްކަންވީ. ދެހާސްތޭވީހުގައި މިހާރު މި އޮތް ހާލަތު އޮވެގެން ނޫނީ މިއަށްވުރެ ވަރުގަދައަށް ދިވެހިރާއްޖޭގެ ކަންކަން އިންޑިއާގެ ނުވަތަ އިންޑިއާގެ އަސްކަރިއްޔާގެ އަތްދަށުގައި އޮވެގެން ދިވެހިރާއްޖެއަށް ކޮން މުސްތަގުބަލެއްތޯ އޮތީ, ކީއްކުރާ 2023 އެއްތޯ, އެހެންވީމަ ރައްޔިތުން ވިސްނަންވީ އެކަމަށް ދެއްތޯ," 2023 ގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ހޮސްޓައިލް ފޯސްއެއްގައިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން އިހުނަށްވުރެ ފުޅާކޮށް އެކަމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ކަށަވަރުކަން ދެއްވަމުން ގެންދަވާ ސަބަބަކީ, އެމަނިކުފާނަށް ފެންނަން އޮތް މަންޒަރާއި ރާއްޖޭގެ ކުރިމަގަށް އޮތް ނުރައްކާ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ވަރަށް ފަސޭހައިން ފަހުމްވޭ. އެހެންވީމަ އެއީ އޭގަ ޗޮއިސެއް އޮތް ކަމެއް ނޫން، ރާއްޖޭގަ އިންޑިއާ އަސްކަރީ ތިބެގެން އިންޑިއާ އާއި ރާއްޖެ ސަރުކާރާ ކޮށްފަ ހުރި ހުރިހާ އެގްރިމެންޓެއް ގަދަ ބާރުން ތަންފީޒުކުރުމަށްޓަކައި, އެމީހުންގެ އިސް މީހުން ދައްކާ ވާހަކަތަކުން އެނގޭ މީހުން ހޮސްޓައިލް ފޯސްއެއްކަން ރާއްޖޭގައި މިއޮތީ, ރާއްޖެއަށް ހެޔޮ އެދިގެން އައިސް ތިބި ބައެއް ނޫންކަން ހަމަ ޝައްކެއް ނެތް ގޮތުގައި އެނގޭ،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންނަށް ގެއްލުމެއް ވަނީ އިންޑިއާއިން ގެންނަ ފިޔާ އަލުވިކޮޅު ނުލިބުންތޯ ނޫނީ މުޅި ގައުމު އަޅުވެތިކަމުގައި ތިބުން ނޫންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި އިންޑިއާގަ އެކިއެކި ބޭނުންތަކަށް ގޮސް ތިބޭ ތިބުންތޯ އަޅުގަނޑުމެންނަށް މުހިންމުވެގެން މި އުޅެނީ ނޫނީ މުޅި ދިވެހިރާއްޖެ ގުދުރަތީ ހުރިހާ ވަސީލަތްތަކާއެކީ މީހުންނާއެކު އަޅުވެތިވުން އެއީ ބޭނުންވާ ގޮތްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ހަރަކާތަކީ އިންޑިއާ އައުޓް ހަރަކާތެވެ. ނަމަވެސް ސަރުކާރުންވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށްބުނެ އެކަން މަނާކޮށްފަ އެވެ. ނަމަވެސް އެހަރަކާތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.