މިފްކޯ އަށް ގެއްލުންވާ ގޮތަށް މަސް ގަތުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދެވެނީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުން މާނަކޮށްދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގެއްލުމުގައި މިފްކޯ އިން މަސް ގަންނާތީ އެ ކުންފުނިން މަސް ގަތުމުގެ އޮޕަރޭޝަން ހިންގަނީ ސަރުކާރުން ސަބްސިޑީ ދީގެން ކަމަށެވެ.

"އެއަށް އަޅުގަނޑުމެން ފެއާ ޕްރައިސް ކިއަންޏާ އެއީ ފެއާ ޕްރައިސް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ފެއާ ޕްރައިސްގެ ނުވަތަ ހަމަ އަގުގެ ޑެފިނިޝަންގައި ހިމެނޭ ކަމެއް ނޫންހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއަށް އަޅުގަނޑުމެން ފެއާ ޕްރައިސް ކިއަންޏާ އެއީ ފެއާ ޕްރައިސް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ފެއާ ޕްރައިސްގެ ނުވަތަ ހަމަ އަގުގެ ޑެފިނިޝަންގައި ހިމެނޭ ކަމެއް ނޫންހޭ،
މިނިސްޓަރު

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހަމަ އަގު އެންމެންނަށްވެސް އެނގެން އެބަޖެހޭ ކަމަށެވެ. ހަމަ އަގަކީ އިނގިރޭސ ބަހުން ކިޔާ "ފެއާ ޕްރައިސް"ތޯ ވެސް މިނިސްޓަރު އެއްސެވި އެވެ.

"ގޫގުލްއަށް ވަޑައިގެން ބައްލަވާލެއްވިޔަސް ފެއާ ޕްރައިސްގެ މި ދެންނެވި ޑެފިނިޝަންގައި ހިމެނޭނީ އެ އަގަކަށް ވާންޖެހޭނެއޭ ޕްރައިމަރީ ޕްރޮޑިއުސާޒްއަށް އެ އެއްޗެތި އުފައްދާ މީހުންނަށް އެ އުފައްދާފައި އެ އުފެއްދުމުގެ ހަރަދުތަކުގެ އިތުރުން އެކަށީގެންވާ އާމްދަނީއެއް ލިބޭ އަގަކަށް ވާންޖެހޭނެއޭ. އެވަރުގެ މާޖިންއެއް އޮންނަންޖެހޭނެއޭ،" ހަމަ އަގު މާނަކުރުމުގައި ބަލަންވީ ގޮތްތަކެއް ވިދާޅުވެ ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން އަޅުގަނޑު މިދަންނަވަނީ މިއަދު މިވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މަހުން މިއަދުވެސް އެވްރެޖުކޮށް އަޅުގަނޑުމެންނަށް 281 ޑޮލަރު ގެއްލުން ވަމުންދާތީ މިފްކޯއަށް އިނގޭތޯ؟ އެހެންވީމާ ކޮސްޓް އޮފް ޕްރޮޑަކްޝަނަށް ވުރެ މާކެޓް ޕްރައިސް މާދަށް."

މިސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެގެންނެވެ. ނަމަވެސް ސަރުކާރުން އަދިވެސް ހަމައަގު މަސްވެރިންނަށް ނުދެވޭތީ މަސްވެރިންދަނީ ޝަކުވާ ކުރަމުންނެވެ.